ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތެއް މާދަމާ ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގާ ބެލެހެއްޓުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވުމަށްފަހު، އެ ސަރަހައްދުގެ ކަރަންޓުގެ ފެންވަރު މަތިކުރުމަށްޓަކައި މުހިންމު ޓެކްނިކަލް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތްތައް މާދަމާ އިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުންޏެވެ. މިއީ ރައްޔިތުންނަށް ދިގު މުއްދަތަކަށް އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ ކަމެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.

"މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ" ސްޓެލްކޯއިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގާ ބެލެހެއްޓުމުގެ މަސައްކަތް ކުރިން ކުރަމުން އައީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި އެ މަސައްކަތް ވަނީ ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކޮށްފައެވެ.