"ދިރާގު މާލޭ އޯޕަން" ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މިއަދު ބުނީ ސުވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 21 އާއި 22 ވަނަ ދުވަހު މާލޭގެ ރަސްފަންނު ސަރަހައްދުގައި ކަމަށެވެ. އެ ހަރަކާތަކީ ރާއްޖޭގައި އޯޕަން ވޯޓާ ސުވިމިންގެ ފޯރި އިތުރުކޮށް، ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއްކަމަށް ދިރާގުން ބުންޏެވެ.
މި އަހަރުގެ މުބާރާތުގައި ތަފާތު ހަތަރު ކެޓަގަރީއެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި 250 މީޓަރު، 500 މީޓަރު، އަދި އެއް ކިލޯމީޓަރުގެ ފެތުން ހިމެނޭކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، މި އަހަރު މުޅިން އަލަށް 500 މީޓަރުގެ ޓީމް ރިލޭއެއް ވެސް ވަނީ ތައާރަފްކޮށްފައިކަމަށް ދިރާގުން ބުންޏެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ސުވިމް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ވޭތުވެދިޔަ އަހަރުގެ މުބާރާތަކީ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން 350 އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި އުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުދިންނާއި 65 އަހަރުގެ ދޮށީ އުމުރުގެ މީހުންވެސް ހިމެނޭކަމަށް ދިރާގުން ބުންޏެވެ. ބައިވެރިވި ފަރާތްތަކުގެ ތެރެއިން 340 އަށްވުރެ ގިނަ މީހުން ވަނީ ކާމިޔާބުކަމާއެކު ފެތުން ނިންމާފައިކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި، އެ ކުންފުނިން އަބަދުވެސް އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކޮށްދޭ މިފަދަ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް