ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗޭސް ޕެރޭސް-ކަސްތޭހޯނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސް ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައި ކަމަށެވެ.

އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަގުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީމެއްކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްހަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.