އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެ އުޅޭ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން ފަށައިފައިވާ ކަނޑުމަތީގެ ހިސޯރުކުރުމުގެ ދަށުން، މިހާތަނަށް ވިޔަފާރިކުރާ ހަތް އުޅަނދެއްގެ މިސްރާބު ބަދަލުކުރުވައި، އެއް އުޅަނދު ހުއްޓުވައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖުލައި 14 ވަނަ ދުވަހު އަލުން ފެށި މި ހިސާރުކުރުމުގެ މައިގަނޑު މަގުސަދަކީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަންނަ އަދި ނުކުންނަ އުޅަނދުތަކުގެ ހަރަކާތްތައް ކޮންޓްރޯލްކުރުމެވެ. މި އޮޕަރޭޝަންގައި އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަނަވަރު “ޔޫއެސްއެސް ބޮކްސަރ" އިން ކަމަށް ހަބަރުތައް ބުނެއެވެ. މި މަނަވަރުން އަންނަނީ އީރާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ފާރަވެރިވެ، އެ އުޅަނދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.
ސެންޓްކޮމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިސޯރުކުރުން ފެށިފަހުން މިހާތަނަށް ހަތް އުޅަނދަކަށް އިންޒާރުދީ، އެ އުޅަނދުތަކުގެ މިސްރާބު ވަނީ ބަދަލުކުރުވައިފައެވެ. އަދި އެމެރިކާގެ ސިފައިންގެ އެންގުންތަކާ ހިލާފުވި އެއް އުޅަނދަކަށް ހަމަލާދީ، އެ އުޅަނދަށް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ހަމަލާތައް މެދުކަނޑާލުމަށްފަހު، އަލުން ހިސޯރުކުރުން ފެށުމާ ގުޅިގެން ކަނޑުދަތުރުފަތުރަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހެކެވެ. ހާއްސަކޮށް ތެޔޮ އުފުލާ ބޯޓުފަހަރަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ބަނދަރުތަކަށް މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާއިރު، ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގަކަށްވާ މި ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ކޮންމެ އުޅަނދެއްވެސް ހުއްޓުވައި ފާސްކުރަމުން ގެންދާނެ ކަމަށާއި، މި އޮޕަރޭޝަން ހުއްޓާލާނެ ވަކި ތާރީހެއް އަދި ކަނޑައަޅައިފައި ނުވާ ކަމަށެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް