ވިސާއާނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ތައިލެންޑްގެ ކެބިނެޓުން ވިސާޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާއްމުކުރި ނިންމުމުގައި، ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސައިފައި ކަމަށެވެ.

މިމަހުގެ 14ގައި ނިންމި މި އާ ވިސާ ޕޮލިސީގައި ވިސާއާ ނުލައި އެގައުމަށް 30 ދުވަހަށް ދަތުރުކުރެވޭ ގޮތަށް އަލަށް ހަމަޖައްސައިދިން ގައުމުތަކުގެ ތެރޭގައި، ރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.

މި އަހަރުގެ މެއި 19ގެ ކުރިން ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމިއެވެ.

‎ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސިހާސަކް ފަންގްކެޓްކޯ އާ އެކު ފާއިތުވި ޖޫން 29ގައި ބޭއްވެވި ފޯނުކޯލުގައި އެކަމާގުޅޭ ގޮތުން ކުރެއްވި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ އެކަމަކީ ރާއްޖެއިން މަރުހަބާ ކިޔާކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

‎ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، އެ ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން އާއްމުކޮށް އިއުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާ ނުލައި ތައިލެންޑަށް އަދި ދަތުރު ކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.