ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބީއެމްއެލުން ބުނީ ފިނަސްޓްރާގެ 'އެސެންސް' ޕްލެޓްފޯމް އިހުތިޔާރު ކުރީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ހިދުމަތްތަކާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ.
އެ ކުންފުންޏާ އެކު ހެދި މި އެއްބަސްވުމުގެ ސަބަބުން އާ އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނިގޮތުގައި ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން އެ ބޭންކަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:
- އާ އުފެއްދުންތަކާއި ހިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.
- އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ހިދުމަތެއް ފޯރުކޮށްދިނުން.
- ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ހިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
- ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ހިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން
އެކަމާ ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބެންކުގެ އަމާޒަކީ މެދުކެނޑުމެއްނެތި އާ އީޖާދުތައް ތައާރަފު ކުރުމާއި ބެންކުން ހިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާ އާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ.
"ފިނަސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާއެކު އާ އީޖާދުތައް ތައާރަފު ކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، "ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު. އެ ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިހްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިން ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާ އެކު ހަލުވި ދުވެލީގައި އާ އީޖާދުތައް ތައާރަފު ކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް."
ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން ފިނަސްޓްރާ އެސެންސް އިހުތިޔާރު ކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ހިދުމަތްތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއި ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުންނެވެ. އަދި ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް