ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގައި ވަޒީފާއަދާކުރާ މުވައްޒިފުންގެ އަދަދު 33 ޕަސެންޓަށް މަދު ކުރުމަކީ އެތަންތަނުން 14733 މީހުން ވަޒީފާއިން ވަކިކުރުން ކަަމަށް އިދިކޮޅު އެމްޑީޕީގެ މަގުޗާޓުގެ ކޮމިޓީގެ މުގައްރިރު އަދި ކުރީގެ އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއީލް ވިދާާޅުވެއްޖެއެވެ.
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައި އެކަން ކުންފުނިތަކަށް އެންގުމާ ގުޅިގެން، އެކަން ކުށްވެރިކޮށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފައްޔާޒު ވިދާޅުވީ، ކުންފުނިތައް ރައިޓްސައިޒް ކުރަން ކަމަށް ބުނެ ކުންފުނިތަކުގައި ތިބި މުވައްޒިފުންގެ އަދަދަށް ބަލާއިރު 14733 މީހުން ކުންފުނިތަކުން ކަނޑައި އެއްލައިލުމަކީ މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާ ގުޅުންހުރި ކަމެއް ކަމަށެވެ.
"ރައިޓް ސައިޒް ކުރަންށޭ ކިޔައިފައި 33 ޕަސެނަޓް، އެއީ 14733 މީހުން އެއީ ނަންބަަރް ބަލާއިރު ކަނޑާ މަގުމައްޗަށް އެއްލައިލުން، އާބާދީން މަދުވެގެން 50،000 ހާސް މީހުންގެ ދިރުޅުމާ ގުުޅުން ހުރި ކަމެއް އެއީ، އަދި އެއީ އާބދީގެ 20 ނުވަތަ 25 ޕަސެންޓް މީހުންގެ ކެއިން ބުއިމާއި ބޯހިޔާވަހިކަމާ ގުޅުންހުރި ކަމެއް،"
ފައްޔާޒު ވިދާޅުވީ، އޭނާގެ އިކޮމިކް މިނިސްޓަރުކަމުގައި ކުރީގެ ސަރުކާރުގެ ކޮވިޑް ވަބާގެ ތެރޭގައި ސަރުކާރު ވަޒީފާއިން އެއްވެސް މީހަކު ނުކަނޑައި، ވަޒީފާ ނެތިގެން ފައިސާ ނުލިބި ތިބި 22945 މީހުން ބެލެހެއްޓި ކަމަށެވެ.
"އެމީހުންނަށް އަމާޒުކޮށްގެން ހިނގި ޕްރޮގްރާމަށް ސަރުކާރުން 419 މިލިއަން ރުފިޔާ ހަރަދުކުރިން، އެކަމުގެ ސަބަބުން އެ ޕްރޮގްރާމާ ގުޅުންހުރި ވިޔަފާރިތައްވެސް ސަލާމަތްވި، ގައުމުގެ އިގްތިސޯދު އަނބުރާ ނަގައިގަންނަން ފަސޭހަވީ އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން،"
ކުންފުނިތައް ރައިޓްސައިޒްކުރަން ކަމަށް ބުނެ އެހާގިނަ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން އަންގާ އިރު، އެ ކުންފުނިތައް ރޯންގް ސައިޒްވީ ކީއްވެތޯ، ޕީސީބީން ބަލަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"ކުންފުނިތަކުން ރޯންގް ސައިޒްވީގޮތް ޕީސީބީން ބެލިތޯ، އެކަމުގައި އެހުމާލުވީޯ މީހުންނާ ދޭތެރޭ އަވަހަށް ފިޔަަވަޅު އަޅަންޖެހޭ، މީހުން އިތުރުވީ ކާކުގެ މައްސަލައަކުންތޯ ބަލަންޖެހޭ، ކުންފުނިތައް ހިންގަންތިބި މީހުންގެ މައްސަލައެއްތޯ، ސަރުކާރުގެ މައްސަލައެއްތޯ ބަލަންޖެހޭ، ހިންގަން ތިބި މީހުންގެ މައްސަލައެއްކަށްވާނަމަ އެމީހުން އެއްކޮށް ކަނޑައިފަ މުވައްޒިފުން ކަނޑަންޖެހޭނީ،"
އިބްރާހިމް ޒަކީ
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ކޮމެންޓް