ދިވެހިރާއްޖެ އާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރާބެހޭ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމްނާމާ އެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

އެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ގައުމު ކަމަށެވެ. އަދި މީގެ ކުރިން އެފްރިކާ ބައްރުން ރާއްޖެއާ އެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައި ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތުއެފްރިކާ އާއެކު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެ. ދިވެހިރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމުކުރެވިފައި މިވަނީ، އިތިއޯޕިއާގެ ގައުމީ އެއަލައިން، "އިތިއޯޕިއަން އެއަލައިންސް" އިން އެ ގައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި. އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު. އަދި އިތިއޯޕިއަން އެއާލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއާލައިން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމާ އެކު އިގުތިސޯދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ އިގުތިސޯދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރެވުނު މުހިންމު ބޮޅެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގުތިސޯދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާއަތެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ހާސިލްވަމުންދާ ނަތީޖާއެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ އެކި ހަބް-އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އިތިއޯޕިއަން އެއާލައިން" އިން ރާއްޖެއަށް ދަތުރުތައް ފެށުމަށާއި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެގެންދާ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާއަތަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބޭ މަންފާ އާއި ކުރިއެރުން މިކަމުގެ ސަބަބުން އިތުރުވެގެންދާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.