އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑިޕްލޮމާ އިން ޓީޗިން ސްޕެޝަލް އެޑިއުކޭޝަން ކޯހުގެ ދަރިވަރުން، ތަޖުރިބާ ދަތުރެއްގައި ސްރީލަންކާއަށް ފުރައިފިއެވެ.

މި ދަތުރު ކުރިއަށްދަނީ މި ޖުލައި މަހުގެ 19 އިން 25 ގެ ނިޔަލަށެވެ.

އައިޔޫއެމްއިން ބުނި ގޮތުގައި މި ތައުލީމީ ދަތުރުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އުނގަންނައިދިނުމުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމެވެ.

މި ދަތުރުގެ ތެރޭގައި ސްރީލަންކާގެ ހަތަރު ސްކޫލަކަށް ދަރިވަރުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ އިރު މި ޒިޔާރަތްތަކުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާ ގޮތް ބަލައި، އެ ގައުމުގެ ތައުލީމީ ނިޒާމުގައި ތަފާތު ގާބިލުކަން ހުރި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތްތަކާއި އުނގަންނައިދިނުމުގެ އުކުޅުތައް ދަރިވަރުން ދެނެގަންނާނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.

މީގެ އިތުރުން އެ ސްކޫލުތަކުގެ މުދައްރިސުންނާ ބައްދަލުކޮށް، ތައުލީމީ ދާއިރާގެ ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.

މި ދަތުރަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ކުއްލިއް ޔާ އޮފް އެޑިއުކޭޝަން ގުޅިގެން ހިންގާ ހަރަކާތެކެވެ.

ދަތުރު ފެށުމުގެ ކުރިން އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑަމިކް އެފެއާޒް) ޑރ. އައިޝަތު ވަހީދާ ވަނީ ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ދަތުރުގެ މުހިންމުކަމާއި، ދަރިވަރުންގެ ފަރާތުން އުންމީދުކުރާ ކަންކަމާ ގުޅޭގޮތުން ޑރ. އައިޝަތު ވަހީދާ މަޝްވަރާކުރެއްވިއެވެ.