ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބޭކާރު ގޮތުގައި އިތުރުގަޑީގެ ފައިސާ ނުވަތަ އޯޓީ ހޯދުން ހުއްޓުވުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.
ޕީސީބީން ކުންފުނިތަކަށް އަންގާފައިވަނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭ ގޮތަށް ކުންފުނިތަކުގެ އުސޫލުތައް ބަދަލުކުރުމަށެވެ. މި ބަދަލަކީ މާލީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށް ގެނައި ބަދަލެއްކަމަށް ޕީސީބީން ބުންޏެވެ.
ޕީސީބީން ވަނީ މިހާރު އިތުރުގަޑީގެ ފައިސާ ދިނުމުގައި މަތީ މިންގަނޑެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، މިހާރުގެ އުސޫލުތަކާއި އާ އުސޫލު އަޅާކިޔުމަށްފަހު، ކުންފުންޏަށް އެންމެ ފައިދާހުރި އަދި ހަރަދު ކުޑަ ގޮތެއް އިހުތިޔާރުކުރުމަށް އިރުޝާދު ދީފައެވެ.
އެ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މަސައްކަތްތައް މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުމަށް މަގުފަހިވާނެކަމަށް ޕީސީބީން ބުންޏެވެ. އަދި ބޭކާރު ގޮތުގައި ކުރާ އިތުރުގަޑީގެ މަސައްކަތްތައް މަދުވުމުން ސަލާމަތްކުރެވޭ ފައިސާ، ކުންފުނީގެ މުހިއްމު މަސައްކަތްތަކާއި ހިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޕީސީބީން ބުންޏެވެ.
މި އިސްލާހުތައް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމައި، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ޕީސީބީން ވަނީ މުހުލަތެއް ދީފައެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް