ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 3.13 ބިލިޔަން ރުފިޔާ ހަރަދުކޮށްފިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓު" ގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ކުރި 1.7 ބިލިޔަން ރުފިޔާގެ ހޭދައާ އަޅާބަލާއިރު 86 ޕަސަންޓުގެ އިތުރުވުމެކެވެ. ރިޕޯޓުގައިވާ ގޮތުން މި ހަރަދު މިހާ ބޮޑަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ ބޮޑުވުމެވެ.

ރިޕޯޓަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ސަބްސިޑީއަށެވެ. އެގޮތުން ތެލުގެ އަގު ހިފެހެއްޓުމަށް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 61 ޕަސަންޓުގެ އިތުރު އަދަދެކެވެ. މީގެ އިތުރުން ކަރަންޓު ސަބްސިޑީއަށް 626.7 މިލިޔަން ރުފިޔާ، ކާބޯތަކެތީގެ ސަބްސިޑީއަށް 243.9 މިލިޔަން ރުފިޔާ އަދި ދަތުރުފަތުރުގެ ސަބްސިޑީއަށް 201.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހަރަދު 90.6 މިލިޔަނަށް އަރާފައިވާއިރު، މަސްވެރިކަމުގެ ދާއިރާއަށް ދިން ސަބްސިޑީ ވަނީ 83.1 މިލިޔަން ރުފިޔާއަށް ދަށްވެފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނަރުދަމާގެ ހިދުމަތަށް ދޭ ސަބްސިޑީއަށް މިދިޔަ ހަފުތާގައި އެއްވެސް ބަދަލެއް އައިސްފައެއް ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.