މިއަންނަ އަހަރުގެ ރަމަލާން މަސް އަންނަންވާއިރަށް 16 މިސްކިތެއްގެ މަސައްކަތާއި ދެ ރަށެއްގައި ގާއިމުކުރާ ގުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ނިންމާލެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫއޫތައް އަވަހަށް ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިހާރު ހަދަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވައި، މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތައް އުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު 79 މަޝްރޫއެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 45 މިސްކިތް، 12 އިސްލާމީ މަރުކަޒު، 16 ގްރުއާން ސެންޓަރު އަދި ހަ ވަގުފު އިމާރަތް ހެދުމުގެ މަސައްކަތެވެ.

މިނިސްޓަރު ވިދާޅުވީ މިއަންނަ އަހަރުގެ ފަހުކޮޅަށް ބައެއް ވަގުފު މަޝްރޫއުތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ "ދާރުލްއަރުގަމް" އަދި ހުޅުމާލޭގެ "ދާރުއްސަލާމް" ވަގުފު އިމާރާތް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ. އެ މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވަނީ ރާއްޖޭން ބޭރުގެ ފަރާތަކުންނެވެ.