އިންޑިއާގެ މޭގާލަޔާގައި ހަނީމޫން ހޭދަކުރަމުން ދަނިކޮށް ފިރިމީހާ މަރާލި ކަމުގެ ތުހުމަތުކުރެވޭ ސޯނަމް ރަގުވަންޝީ، އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަން ދާން އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ލަފާދީފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެމް.އެމް ސުންދްރޭޝް އަދި ޕީ.ބީ ވަރާލޭ ހިމެނިވަޑައިގަންނަވާ ބެންޗުން މިގޮތަށް ލަފާދެއްވީ، ސޯނަމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މޭގާލަޔާ ހައިކޯޓުން ނިންމި ނިންމުން އެ ސްޓޭޓުގެ ސަރުކާރުން އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމުގައެވެ. ފަނޑިޔާރުން ވިދާޅުވި ގޮތުގައި، މުހިންމު ހެކިންގެ ހެކިބަސް ނަގައި ނިމެންދެން އޭނާ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އެހެން ނޫންނަމަ ކަފާލާތު ބާތިލުކުރުމާމެދު ކޯޓުން ގޮތެއް ނިންމާނެއެވެ.
މެއި 2025 ގައި ހިނގި މި ހާދިސާގައި، ސޯނަމްގެ ފިރިމީހާ ރާޖާ ރަގުވަންޝީގެ ހަށިގަނޑު ފެނިފައިވަނީ މޭގާލަޔާގެ ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ސޯނަމް ވަނީ އޭނާގެ ލޯބިވެރިޔާއާއި އިތުރު ބަޔަކާ ގުޅިގެން ފިރިމީހާ މަރާލާފައެވެ.
ސޯނަމް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކުރި ލިޔުމުގައި ގާނޫނުގެ މާއްދާ ނުބައިކޮށް ލިޔެވިފައި އޮތުމުންނެވެ. ޝިލޮންގްގެ ޓްރަޔަލް ކޯޓުންނާއި މޭގާލަޔާ ހައިކޯޓުން ނިންމާފައިވަނީ، މީހަކު މެރުމުގެ ކުށުގެ މާއްދާ ކަމަށްވާ 103 ވަނަ މާއްދާގެ ބަދަލުގައި 403 ވަނަ މާއްދާ ލިޔެފައި އޮތުމަކީ ފުލުހުންގެ އިހުމާލެއް ކަމަށެވެ. ނަމަވެސް، މޭގާލަޔާ ސަރުކާރުގެ ފަރާތުން ސޮލިސިޓަރ ޖެނެރަލް ތުޝާރް މެހެތާ ކޯޓުގައި ވިދާޅުވީ، އެއީ ހަމައެކަނި ލިޔުމުގެ ކުށެއް ކަމަށާއި، ސޯނަމް އަމިއްލައަށް ފުލުހުންނާ ހަވާލުވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެނގިހުރެ ކަމަށެވެ.
މިކަމާ ގުޅިގެން ސޯނަމްގެ ވަކީލު ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، އޭނާ އަމިއްލައަށް ހަވާލުވީ ނޫން ކަމަށާއި، ފުލުހުން އޭނާ ހައްޔަރުކުރީ ކަމަށެވެ. މި މައްސަލައަކީ ހަމައެކަނި ގުޅިފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މައްސަލައެއް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ވަނީ އަމިއްލައަށް ހަވާލުވުމާމެދު ގޮތެއް ނިންމުމަށް ސޯނަމްގެ ވަކީލަށް ވަގުތު ދެއްވައިފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް