މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ހުސްވުމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 5 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައީސް އޮފީހަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަގާމުގެ މައިގަނޑު ޝަރުތުތައް:
- އިގްތިސޯދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުން ނުވަަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން
- ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އެ މަގާމަށް ބޭނުންވާ އިގްރާރުތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ހުންނާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ކޮމެންޓް