ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އަލުން ޕްލޭބެކް ލަވަކިޔަން ފަށަން އުޅޭ ކަމަށް ފެތުރިފައިވާ ހަބަރުތައް އޭނާގެ މެނޭޖަރު ދޮގުކޮށްފިއެވެ.

އަރިޖިތު އަލުން ލަވަކިޔަން ފަށާ ކަމަށް އަޑުފެތުރުނީ، ކުރިއަށް އޮތް ފިލްމު "އަވާރަޕަން 2" ގެ ޓައިޓަލް ލަވަ ކަމަށްވާ "ޔޭ އަވާރަޕަން" އޭނާގެ އަޑުން ރިލީޒްކުރުމާ ގުޅިގެންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ޕްލޭބެކް ލަވަކިޔުމުން ރިޓަޔާކުރިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކުރުމަށް ފަހު، މިއީ އޭނާގެ އާ ލަވައެއް ނުކުތް ފުރަތަމަ ފަހަރެވެ. އެ އިއުލާނުގައި އަރިޖިތު ބުނެފައިވަނީ ދެން އިތުރު ޕްލޭބެކް ލަވަތަކާ ހަވާލު ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިންޑިއަން ކްލެސިކަލް މިޔުޒިކަށް ވަގުތު ހުސްކުރަން ކަމަށެވެ. ނަމަވެސް، މި އާ ލަވަ ނުކުތުމާއެކު، އޭނާ އަލުން އެނބުރި އައީ ކަމަށް ސަޕޯޓަރުންގެ މެދުގައި ވަނީ ވާހަކަދެކެވެން ފަށައިފައެވެ.

މިކަމާ ގުޅިގެން ދަ ޕްރިންޓަށް ދިން އިންޓަވިއުއެއްގައި އަރިޖިތުގެ މެނޭޖަރު ބުނި ގޮތުގައި، އޭނާ އެނބުރި ޕްލޭބެކް ލަވަކިޔުމަކަށް ނާދެއެވެ. މެނޭޖަރު ބުނީ އަރިޖިތު މިހާރު ފުރިހަމަކުރަމުން އަންނަނީ ރިޓަޔާކުރުމުގެ ކުރިން އެއްބަސްވެފައިވާ ޕްރޮޖެކްޓުތައް ކަމަށެވެ. އަދި މިއީ ކުރީގެ ކޮމިޓްމަންޓްތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އަމާލް މަލިކް ކޮމްޕޯޒްކޮށް، ރަޝްމީ ވިރާގް ލިރިކްސް ލިޔެފައިވާ "ޔޭ އަވާރަޕަން" ލަވަ މިހާރު ވަނީ މިޔުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކަށް ދޫކޮށްލައިފައެވެ. މި ލަވައަކީ ވިޝޭޝް ބަޓް ޕްރޮޑިއުސްކުރާ ފިލްމެއްގެ ލަވަޔަކަށް ވާއިރު، މީގެ ކުރިން ވެސް އަރިޖިތު ވަނީ ވިޝޭޝް ފިލްމްސްއަށް ގިނަ ލަވަތަކެއް ކިޔައިދީފައެވެ. އޭގެ ތެރޭގައި "އާޝިގީ 2" ގެ "ތުމް ހީ ހޯ" އަދި "ސިޓީލައިޓްސް" ގެ "މުސްކުރާނޭ" ފަދަ ލަވަތައް ހިމެނެއެވެ.

އިމްރާން ހާޝިމީ، ދިޝާ ޕަޓާނީ އަދި ޝަބާނާ އާޒްމީ މުހިންމު ރޯލުތަކުން ފެނިގެންދާ "އަވާރަޕަން 2" ޑައިރެކްޓުކުރަނީ ނިތިން ކައްކަރެވެ. ބިލާލް ސިއްދީގީ ލިޔެފައިވާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 14 ވަނަ ދުވަހުއެވެ.