އީރާނުގެ ނިއުކްލިއަ މަރުކަޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އިނގިރޭސިވިލާތުގައި ހުރި އަސްކަރީ ބޭސްތަކުން އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ 'ބީ-1 ލާންސަރ' ބޮމްބަރުތަކާއި 'ކޭސީ-135' ޓޭންކަރުތައް ފުރައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އުޅަނދުތައް ފުރާފައިވަނީ، އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އިނގިރޭސިވިލާތުގެ ފެސިލިޓީތައް ބޭނުންކުރުމުގެ ހުއްދަ، އެ ގައުމުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް ދެއްވުމާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ހަމަލާދޭނެ ކަމަށް ބެލެވެނީ އީރާނުގެ ނަތަންޒް ސަރަހައްދުގައިވާ 'ޕިކްއެކްސް މައުންޓެން' ނިއުކްލިއަރ މަރުކަޒަށެވެ.

ވޯލް ސްޓްރީޓް ޖާނަލް، ބްލޫމްބާގް އަދި ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަރުކަޒަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، އަދި ބިމުގެ ވަރަށް އަޑީގައި ބިނާކޮށްފައިވާ ތަނެކެވެ. އިސްރާއީލުގެ އިންޓެލިޖެންސާ ހަވާލާދީ މި ނޫސްތަކުން ބުނެފައިވަނީ، 2025 ވަނަ އަހަރު ހިނގި ހަނގުރާމައަށްފަހު، އީރާނުން ޔުރޭނިއަމް ފައްކާކުރަން ބޭނުންކުރާ އެތައް ހާސް ސެންޓްރިފިއުޖެއް ރައްކާތެރިކަމާއެކު މި ފަރުބަދައިގެ އަޑިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ނިއުކްލިއަރ ހަރަކާތްތައް ހިންގަން މަސައްކަތްކުރާ ކޮންމެ ތަނަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭނެއެވެ. އަދި ޕިކްއެކްސް މައުންޓެންއަށް ވަރަށް އަވަހަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ޓްރަމަޕް ވަނީ ދެއްވައިފައެވެ. ނަމަވެސް، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި މަރުކަޒު ބިނާކޮށްފައިވާލެއް ފުންކަމުން، އާންމުކޮށް ބޭނުންކުރާ ބަންކަރ-ބަސްޓަރ ބޮމުންވެސް އެތަން ގޮއްވާލުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ދާދިފަހުން ހަވާލުވެވަޑައިގަތް ބާންހަމް، އެމެރިކާގެ މި އޮޕަރޭޝަނަށް އެއްބާރުލުން ދެއްވާފައިވާއިރު، މިއީ އޭނާގެ ސަރުކާރުން އެމެރިކާއާއެކު އޮންނަ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ ކަމުގެ ނިޝާނެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ބޮމްބަރުތައް މިހާރު އިނގިރޭސިވިލާތުން ފުރާފައިވާއިރު، މިކަމާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.