ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ޒަރާރް ބަލައިލިއެވެ. މާމައާއި ކާފަގެ ޝައުޤުވެރިކަން އޭނައަށް ހުއްޓިފައިވާ މަންޒަރު ފެނުމާއެކު ޒަރާރް ހިނިތުންވެލިއެވެ. ތަނާލްގެ މައިންބަފައިންނާ ބައްދަލުކުރަން އޭނަ ދިޔަކަން އެނގޭނީ ހަމައެކަނި މާމައާއި ކާފަ އަށެވެ. އެބައްދަލުވުން ދިޔަ ގޮތް އޮޅުންފިލުވަން ބޭނުންވެފައިވާ މިންވަރު ޒަރާރްއަށް ވިސްނައިގަނެވުނެވެ. އިންތިޒާރުގެ ވަގުތު ދިގުކުރުމުގެ ބަދަލުގައި، އުފާވެރި ޚަބަރު ޢާއިލާއާއި ހިއްސާކުރަން ޒަރާރް އަވަސްވެގަތެވެ.
''ބައްޕާ...'' ޒަރާރް ގޮވާލިއެވެ.
ކޮފީއަށް އިންސާފުކުރަމުން ދިޔަ މަސްރޫރުގެ ނަޒަރު ޒަރާރްއަށް ހުއްޓުނެވެ. ވާހަކައެއް ހިއްސާކުރަން ޒަރާރް އުޅޭހެން ހީވުމުން، ޒަރާރްއާއި ދިމާއަށް އެނބުރުނެވެ.
''ބައްޕަ... ބައްޕައަށް އިނގޭދޯ ތަނާލް؟...'' ވާހަކަ ފަށާނެ ގޮތެއް ޒަރާރްއަކަށް ނޭނގުނެވެ. ކާފަމެންނަށް ބަލަމުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ލޮލުގެ އިޝާރާތުން އެދުނެވެ. އެވަގުތު ކާފައާއި މާމަ މަނާވެގަތް މަންޒަރު ފެނުނެވެ. ހިނިއައިސްފައި ޒަރާރްއަށް ބަލަން ތިއްބެވެ.
''އާނ، ތަނާލް އިނގޭ...'' މަސްރޫރަށް ލިބުނީ ހައިރާންކަމެވެ. ޒަރާރް ބުނަން އުޅޭ އެއްޗެއް އޭނައަށް ފަހުމެއް ނުވިއެވެ.
''ޕްރޮޖެކްޓްގަ ކަމެއް ދިމާވީތަ؟، އެކަމަކު މަސައްކަތް ވަރަށް ފުރިހަމައަށް ދާ ވާހަކަ ދަރިފުޅު ބުނީމެއްނު، އެންމެ ފަހުން އޮތް މީޓިންގެ ރިޕޯޓްތައް ވެސް ހުރީ ރަނގަޅަށް...'' މަސްރޫރު ބުންޏެވެ.
''ޕްރޮޖެކްޓް ވާހަކައެއް ނޫނޭ، އެކަން ވަރަށް ފުރިހަމައަށް ދަނީ... ދޯ ދާން...'' ދައްޔާނަށް ބަލަމުން ޒަރާރް ވާހަކަދެއްކިއެވެ.
ދައްޔާން ގަދަކަމުން ހިނިތުންވެލިއެވެ. ޒަރާރްގެ ދުލުން ތަނާލްގެ ނަން ނިކުތީއްސުރެން ދައްޔާންގެ ތަބީއަތު ބަދަލުވެއްޖެއެވެ. ވާހަކައިގެ މިސްރާބު އޭނައަށް ލަފާކޮށްލެވުނެވެ. ޒަރާރްގެ މޫނުން ފެންނަމުންދާ އުފާވެރިކަން ފާހަގަ ނުކުރެވޭނީ ކާކަށް ހެއްޔެވެ؟ ހަސަދަވެރިކަން ދައްޔާންގެ ހިތުގައި އުތުރިއަރަން ފެށީ ހަމައެއްލަމައެއް ނެތިއެވެ.
''ދަރިފުޅު ބުނަން ތިއުޅޭ އެއްޗެއް ބައްޕައަށް ފަހުމެއް ނުވޭ...'' މަސްރޫރު ބުނެލިއެވެ.
''ބައްޕައަށް ތަނޫ ކަމުދޭތަ؟...'' ފުންނޭވާއަކަށްފަހު ޒަރާރް އެހިއެވެ.
''އާނ، މަސައްކަތަށް ފަރުވާތެރި ރަނގަޅު އަހުލާގެއް ލިބފައިވާ ކުއްޖެއް...'' މަސްރޫރު ބުނެލިއެވެ.
މަސްރޫރުގެ ޖުމްލައާއެކު ޖާބިރާއި ސަރުވާގެ ހުނުމުގެ އަޑު އިވުނެވެ. ކައިރީގައި އިން ޒަރާރްގެ މުލައްދަނޑީގައި ސަރުވާ ފިރުމާލިއެވެ.
''މަސައްކަތުގެ ވާހަކައެއް ނޫނޭ އެދައްކަނީ، ދަރިފުޅު އެބަޖެހޭ އޮފީހުގެ ކަންތަކާ ދުރުވެލަން... ޒަރާރް އެދައްކަނީ ޒަރާރްއަށް ތަނާލް ކަމުދާ ވާހަކައޭ... މިއަދު އެއައީ ތަނާލްގެ މައިންބަފައިންނާ ބައްދަލުކޮށްފަ... ކައިވެނި ކުރަން ބޭނުން ވާހަކަ ބުނަން ނުކެރިގެން އެއުޅެނީ...'' ސަރުވާ ބުނެދިނެވެ.
''އެހެންތަ؟...'' މަސްރޫރަށް ހެވިއްޖެއެވެ. ދެފަރާތަށް ބޯހޫރާލެވުނީ ޒަރާރްގެ ވާހަކައިގައި ފޮރުވިފައި އޮތް މާނަ ދޭހަކުރަން ވަގުތު ނެގުމުންނެވެ.
''ސޯ... ބައްޕަ ބުނަނީ ކީކޭތަ؟...'' ޒަރާރްއަށް އަހާލެވުނެވެ. ބައްޕަގެ ޚިޔާލު އެނގެން ޒަރާރް ހުރީ ބޭނުންވެފައެވެ.
''ވަރަށް އުފާވެރި ޚަބަރެއް ތިދިނީ، ރަނގަޅު ޢާއިލާއަކުން އައިސްފައި ހުރި ކުއްޖެއް، ދަރިފުޅާއި ތަނާލް ކްލޯޒްހެން ބައްޕައަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއްޖެޔޭ، ޗެރިޓީ އިވެންޓަށް ގެނައީ ބައްޕަމެންނަށް އަންއޮފިޝިއަލްކޮށް ތަޢާރަފްކޮށްދޭންވެގެން ދޯ؟...'' މަސްރޫރު ބުނެލިއެވެ. ޗެރިޓީ އިވެންޓަށް ތަނާލް ގެނައި ހިސާބުން އޭނަގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ. އޮޅުންފިލުވަން ނުކެރުނީ ޒަރާރްއާ ދެމެދު އޮތް ބީރަށްޓެހިކަމަށް މުޅިން ނިމުން އައިސްފައިނުވާތީއެވެ. ބީރައްޓެހިކަމެއް އެދެމެދުގައި ނުވެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. އެތައް އަހަރެއްގެ އިހުމާލަށްފަހު ލޯތްބާއި އިތުބާރުގެ މައްޗަށް ގުޅުން ބިނާކުރަން ވަގުތު ނަގާނެއެވެ. އެކަން މަސްރޫރަށް އެނގެއެވެ.
''ސަޕްރައިޒެއް ދޭން އުޅުނީ، އެކަމަކު މާމައާއި ކާފަ ވަރަށް ސްމާޓް...'' ޒަރާރް ބުނެލިއެވެ.
''ދަރިފުޅަށް އަންނަ ހުރިހާ ބަދަލުތައް މާމައަށް ފަސޭހައިން ނަގައިގަނެވޭނެ...'' ހިނިތުންވެލަމުން ސަރުވާ ބުންޏެވެ.
އަޒީލާ އިނީ ދެކެވެމުން ދިޔަ ވާހަކަތަކަށް ކަންފަތް ހުޅުވާލައިގެންނެވެ. އެހެނަސް ހިސާބަކަށް ފޫހިވެފައެވެ. ލޮނުމަޑުކޮށް ދިޔަ ޚަބަރަކަށް ވީތީ އެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ތަނާލްއާއި ޒަރާރްގެ ގުޅުމަށް ސަރުވާ ނޫނީ ޖާބިރު ދެކޮޅު ހަދާފާނެ ކަމަށެވެ. ނޫނީ މަސްރޫރު ނުރުހުން ފާޅުކޮށްފާނެ ކަމަށެވެ. އޭރުން އުފެދިގެން އަންނާނެ ނުތަނަވަސްކަމުގެ ފައިދާ ނަގަން އޭނަ ހުރީ ތައްޔާރަށެވެ. ޢާއިލާ ތެރޭގައި ޒަރާރް އެކަހެރިކޮށްލަން ލިބިގެންދާނެ ފުރުސަތަކަށް ވާނެތީއެވެ. ނަމަވެސް އެންމެންގެ ރުހުން ތަނާލްއަށް ލިބިއްޖެއެވެ. އެގުޅުމަށް ދެކޮޅު ހަދާނެ މީހަކު ވެސް ނުވިއެވެ.
''ފޫހި އަންހެނެއް ހޯދައިގެން ހެވިފަ ހުރި ގޮތް ބަލާބަލަ، ބަލައިލަން ރީތި ނަމަވެސް ރަނގަޅޭ، ކަޅު ބަބުރުގަނޑެއް ހޯދައިގެން ގެނެސްގެން ފޮނިބޮޑުވެގެން އެއުޅެނީ، ބުރުސޫރަ ރީތި އަންހެންކުއްޖަކު ނޫވީކަން ނޭނގޭ... ހަމަ ވާންވީ ގޮތް އެއީ... ކަލޭގެ ފެންވަރަކީ އެބަބރުގަނޑު...'' ހިތާހިތުން ޒަރާރްއަށް މަލާމާތްކުރަމުން އަޒީލާ ހިނިތުންވެލިއެވެ.
''ދެން އަވަހަށް ކައިވެނީގެ ތައްޔާރީތައް ފަށަންވީ...'' ސަރުވާ ބުނެލިއެވެ.
''ތެދެއް، ތާރީހު ކަނޑައަޅައިފިންތަ؟، ބޮޑު ހަފުލާއެއް ބާއްވަން ވާނެއެއްނު...'' އާޒީލާ އިތުރުކޮށްލިއެވެ. އޭނަގެ މަޤުސަދަކަށްވީ މަސްރަހު ގަޑުބަޑުކޮށްލުމެވެ.
''އަންގާރަ ދުވަހު ތަނޫގެ ފެމިލީ ބޭނުންވޭ ބައްޕައާއި ބައްދަލުކޮށްލަން، އެއަށްފަހު ތާރީހު ކަނޑައަޅައި ތައްޔާރީތައް ފަށާނެ ވާހަކަ ބުނީ، އަޅުގަނޑާ ތަނޫ ބޭނުންވަނީ ވީހާ ވެސް ކުޑަ ގޮތަކަށް ކައިވެނީގެ ހަފުލާ ކުރިއަށް ގެންދަން...'' ޒަރާރް ބުނެލިއެވެ.
''އެ ސިމްޕަލް ވެޑިންގް؟، މީ ޒަރާރްގެ ފުރަތަމަ ކައިވެންޏެއްނު، އެހެންވީމަ ކުލަގަދަކޮށެއްނު ފާހަގަ ކުރަންވާނީ، މީހުން ފާޑުފާޑުގެ އެއްޗިސް ކިޔާނެ...'' އާޒީލާ ފާޑުކިޔެވެ. އެވަގުތު އަޒީލާއަށް މަސްރޫރު ބަލައިލީ ނުރުހުމާއެކުގައެވެ.
''މީހުންގެ ދުލުގައި ހިފެހެއްޓުމަކީ ވާނެކަމެއް ނޫން، އަބަދު ފާޑުކިޔާނެ... އެއީ ބައެއް އެމީހުންގެ ގޮތް...'' ސަރުވާ އުޅުނީ އަޒީލާގެ ވާހަކަތަކަށް ނިމުމެއް ގެންނާށެވެ.
''ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދާނީ ޒަރާރްއާއި ތަނާލް ބޭނުންވާ ގޮތަށް، އިތުރު މީހެއްގެ ޚިޔާލެއް ނޫނީ މަޝްވަރާއެއް ބޭނުމެއް ނުވާނެ...'' ފަހުބަސް އިއްވާލީ މަސްރޫރެވެ. އެހިސާބުން އަޒީލާގެ އަނގަ ސަކަރާތް ވެއްޖެއެވެ. ލަދުވެސް ގަންނަ ގޮތް ވިއެވެ. ހިނިތުންވެލީ އޭނައަށް އައި ބަދަލު މީހަކަށް ފެނިދާނެތީއެވެ. ގޮތް ދޫކުރުން އެއީ އަޒީލާގެ މިޒާޖެއް ނޫނެވެ. އޭނައަކީ ބޯހަރު ޒީލަގަދަ މީހެކެވެ.
ޖާބިރުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޒަރާރްގެ ދިފާއުގައި މަސްރޫރު ވާހަކަދެއްކުމުން އޭނަ އުފާވިއެވެ. އަޒީލާއަށް ވަރުގަދަ ރައްދެއް ދޭން އުޅެނިކޮށް، މަސްރޫރުގެ ޖުމްލަ އަޑުއިވުމާއެކު ޖާބިރު ޚިޔާރުކުރީ ހިމޭންކަމެވެ. ލަސްލަހުން ވިޔަސް އަޒީލާގެ މިޒާޖާއި ހަސީލަތް މަސްރޫރަށް ފެންނަމުންދާ ކަމުގެ ޔަޤީންކަން ޖާބިރަށް ލިބުނެވެ. ކަނު ލޯތްބަށް ނިމުން އަންނަން އުޅޭކަމުގެ ފެހި ސިގްނަލެކެވެ. އަޒީލާގެ ސަބަބުން ޢާއިލާއަށް ލިބުނު ދެރައާއި ހިތާމަތަކުގެ އިތުރުން، އަޒީލާގެ މަޤުސަދު މަސްރޫރަށް ހާމަވާނެ ދުވަހަކަށް ޖާބިރު އިންތިޒާރުކުރެއެވެ. އެދުވަހަކުން އޭނަ މަސްރޫރަށް މަޢާފްކުރާނެއެވެ. ދެބަފައިންގެ ދެމެދުގައި އޮތް ފިނިހަނގުރާމައަށް ނިމުން ގެނެސް ސުލްހަ ޤާއިމުކުރާނެއެވެ.
''އަދި އެއް ވާހަކަ ބުނަން ބޭނުން...'' ސީރިޔަސް ރާގަކަށް ޒަރާރް ބުނެލިއެވެ. ''ހޯމަ ދުވަހު ދައްތަ މާލެ އަންނާނެ...''
ޒަރާރްގެ ޖުމްލައާއެކު މާހައުލަށް ވެރިވީ މަރުގެ ހަމަހިމޭންކަމެވެ. އެހިމޭންކަމުގައި އެކުލެވިގެންވީ ނުތަނަވަސްކަމެވެ. ބައްޕަގެ މޫނުން ފާޅުވި އަސަރުތައް ޒަރާރްއަށް ނަގައިގަނެވުނެވެ.
''ވަރަށް ރަނގަޅު... ކައިވެނީގެ ތައްޔާރީތަކުގައި ރަހުމާމެން ތިބެންވާނެ، އެވާހަކަ ބުނަން ވެގެން މާމަ އުޅުނީ...'' ސަރުވާގެ ނަޒަރު ހުއްޓުނީ މަސްރޫރަށެވެ. މަސްރޫރު ބުނެފާނެ އެއްޗަކަށް އޭނަ ހުރީ ނޭވާހިފަހައްޓައިގެންނެވެ. ހަޤީޤަތް ހާމަވުމަށްފަހު މަސްރޫރާއި ރަހުމާ ކުރިމަތިލި ދުވަހުގެ މަންޒަރުތައް ލޯކުރިމަތިން ސިފަވެގެން ދިޔަ އެވެ. ބަދަލުކުރެވުނު ބަހުގެ ހޫނު ހަމަލާތަކެވެ. ނަފުރަތާއި ރުޅިވެރިކަމުގެ ހޫނުން އަނދާއަޅިއަށް ވެގެން ދިޔަ ޢާއިލީ ގުޅުންތަކެވެ. ޒާރާއާ މެދު މަސްރޫރު ކަންތައް ކުރި ގޮތަށް ފަހު ރަހުމާގެ ރުޅިވެރިކަން ހައްޤު މިންވަރު ސަރުވާއަށް ވިސްނެއެވެ. އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ގޮސްފިއެވެ. ނަފުރަތުގެ ގިނި އަލިފާނަށް ދުވަހަކު ނިމުން އަންނާނެ ހެއްޔެވެ؟ އޭނަގެ ދުޢާއަކީ ކުރިއަށް އޮތް އުފާވެރިކަމުގެ މާހައުލުގެ ތެރެއިން ހީނަރުވެގެން ދިޔަ ގުޅުންތައް އަލުން ބަދަހިވުމެވެ. މަޢާފް ހޯދުމާއި މަޢާފްކުރުމުގެ ރީތި ސިފައަކަށް ބޯލަނބައި މާޒީން އިބުރަތް ލިބިގަތުމެވެ. ވެދިޔަ ކަންތައް ބަދަލުކުރުމަކީ މުސްތަހީލުކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ދިރިއުޅުމާއި ޢާއިލީ ގުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދަން މަސައްކަތްކުރެވިދާނެއެވެ.
''ބައްޕާ؟...'' ޒަރާރްއަށް ގޮވާލެވުނެވެ. ބައްޕަގެ ހިމޭންކަމުގެ މާނަ ނަގައިގަންނަން ޒަރާރްގެ ސިކުނޑި ނުކުޅެދުނެވެ. ކަންބޮޑުވާން ފެށީ އެހެންވެގެންނެވެ.
''މަންމަ އެބުނީ ތެދެއް، ރަހުމާމެން ތިބެންވާނެ...'' ފަނޑު ހިނިތުންވުމަކާއެކު މަސްރޫރު ބުންޏެވެ. ޒަރާރްގެ ހައްޤުޤައި ރަހުމާގެ ރުޅިވެރިކަމާ ކުރިމަތިލާން މަސްރޫރު ހުރީ ތައްޔާރަށެވެ. އޭނައަކީ ކުށްވެރިއެކެވެ. ޒާރާގެ ޤާތިލެވެ. އަމިއްލަ އަތުން ނޫންކަމުގައި ވިޔަސް ޒާރާގެ މަރުބައްޔަކަށްވީ އޭނަ ދިން ހިތާމައާއި ގިލަންވެރިކަމެވެ. އެހަޤީޤަތް އޭނައަށް ބަދަލެއް ނުކުރެވޭނެއެވެ. މަޢާފަށް އެދެވުމުން ފަހަރެއްގައި އޭނަގެ ތަކުލީފުތަކަށް ލުޔެއް ލިބިދާނެއެވެ. މާޢަފްކުރުމުގެ ހައްޤު އޮންނާނީ ރަހުމާއާއި ޒަރާރްގެ އަތްމަތީގައެވެ.
''ދައްތަމެން މަޑުކުރާނީ މިގޭގަ...'' ޒަރާރް ބުންޏެވެ.
''އެހެންތާކު މަޑުކުރުމުގެ ހުއްދައެއް ވެސް ކާފަ ނުދޭނަން، އެއީ މިޢާއިލާގެ ބައެއް...'' ޖާބިރު ބަލައިލި އަޒީލާ އަށެވެ.
ޖާބިރުގެ ދެލޮލުގައިވި ރުޅީގެ ހޫނު އަޒީލާއަށް އިހުސާސްކުރެވުނެވެ. އޭނައަށް ޗެލެންޖްކުރަން ޖާބިރު އުޅޭހެން ވެސް ހީވިއެވެ. އެއާއެކު އަޒީލާ ހިމޭން ވިއެވެ. ރަހުމާ އަންނަން އުޅޭ ވާހަކައައާއި، އެގޭގައި މަޑުކުރާނެކަމުގެ ޚަބަރު ލިބުމުން އުފެދުނު ރުޅިވެރިކަން ބޭރުކުރެވޭނެ މަގެއް ނުފެނުނެވެ. އޭނަގެ އާރެއްބާރެއް ނެތް މިންވަރު ވެސް އިހުސާސްކުރެވުނެވެ. އެވަގުތު އޭނަ ބަލައިލީ ދައްޔާނަށެވެ. މުދަލާއި ފައިސާގެ އިތުރުން ކުންފުނި ދައްޔާންގެ ނަންމައްޗަށް ބަދަލުކުރެވުނު ނަމަ އަމިއްލަ ނިކަމެތިކަން އިހުސާސް ނުވީހެވެ. އޭނަގެ މަޤުސަދު ހާސިލު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް ދައްޔާންގެ ފަރާތުން އެއްބާރުލުމެއް ނުލިބެއެވެ. އޮފީހަށް ޒަރާރްގެ ދަށުން މަސައްކަތްކުރަން ފޮނުވީ ނަސޭހަތް ދީފައެވެ. މަސްރޫރާއި ޒަރާރްގެ ދެމެދުގައި ނުތަނަވަސްކަން އުފައްދާނެ ގޮތްތައް ބުނެދީފައެވެ. އެކަމަކު ވީކަމެއް ހަރާމުންހަރާމެވެ. ދުވަހެއްދުވަހަކަށް އޭނަގެ މުށުތެރޭން ބާޒީ އެދަނީ ދޫވަމުންނެވެ. ފުރަތަމަ ކަމަކަށް ޒަރާރް އެނބުރި މާލެ އައުމެވެ. އެއަށްފަހު މަސްރޫރުގެ ފަރާތުން އޭނައަށް އަމާޒުވާން ފެށި ބަހުގެ ހަމަލާތަކެވެ. ނުވީތާކަށް ރަހުމާ ވެސް މާލެ އަންނަން އުޅެނީއެވެ. މާލެ އައިސް މަޑުކުރަން ހަމަޖެހުނީ އޭނަގެ ގޭގައެވެ. ރަހުމާއާއި އެއްފުރާޅެއްގެ ދަށުގައި މަޑުކުރުން އެއީ އޭނަގެ ޝަހުސިއްޔަތަށް ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ.
އަޒީލާއަށް ހަޖަމެއް ނުކުރެވުނެވެ. ދެލޮލުން އަލިފާންކަނި ބުރާ ހާލު އޭނަ ބަލަމުން ދިޔައީ ދައްޔާނަށެވެ. އާދައިގެ މަތިން ކުށްވެރިކުރެވުނީ ވެސް ދައްޔާނެވެ.
ދައްޔާންގެ ހާލު އެއަށްވުރެން ގޯހެވެ. އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ރައިހާން ދެއްކި ވާހަކަތަކެވެ. ބިރުދައްކައިގެން ތަނާލް ހާސިލުކުރުމުގެ އަޒުމު ވަރުގަދަ ވާން ފެށިއެވެ. އެހާލަތަށް އޭނަގެ އަމަލުތައް ގެންދަން މަޖުބޫރުކުރީ ޒަރާރް އެވެ. އޭނަގެ ހައްޤަކަށް އަތްގަދަކުރަން އުޅޭ މަންޒަރު ދެކެން މަޑުން ހުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ތަނާލްއަކީ އޭނަގެ މިލްކެކެވެ.
''އަހަރެން ބަލާނަން ކަލެއަށް ތަނޫއާ މެރީ ކުރެވޭތޯ... ތަނޫ މެރީ ކުރާނީ ހަމައެކަނި އަހަންނާ، ބަލަން ހުންނާތި، ފުރަތަމަ ތަނޫ ކަމުދިޔައީ އަހަންނަށް، އެހެންވީމަ ލިބެންޖެހޭނީ ވެސް އަހަންނަށް...'' މުށްބާރުކޮށްލަމުން ހިމޭންކަމުގެ ދުލުން ދައްޔާން ބުންޏެވެ. އެތަނުގައި މަޑުކުރަން ހަދައިފިނަމަ އަތުންފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރަށްޓަކައި ދައްޔާން ތެދުވިއެވެ. ފާޚާނާއަށް ދިއުމުގެ ބަހަނާ ދައްކާފައި ދާން އަވަސްވެގަތެވެ. ދިއުމުގެ ކުރިން ޒަރާރްއަށް ބަލައިލީ ނުރައްކާތެރި ގޮތަކަށެވެ. ތަނާލް ހާސިލްކުރަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ދައްޔާން ހުރީ ތައްރާށެވެ. އޭނަގެ މޫނުން ފާޅުވި ކުލަވަރުތަކުން އެކަމަށް ހެކިދިނެވެ.
ދައްޔާން ދިއުމާއެކު އަޒީލާ ވެސް ތެދުވެއްޖެއެވެ. އޭނަގެ ބޭނުމެއް ނެތްތަނެއްގައި އިންނަންވީ ކީއްވެގެން ހެއްޔެވެ؟ ވީ ބަދުނާމު ވަކި ކުޑައެއް ނޫނެވެ.
''މަންމާ...'' ޒަރާރް ގޮވާލިއެވެ. އެއާއެކު އަޒީލާގެ ދެފައި ބިމުގައި ތަތްވެއްޖެއެވެ. ކަންފަތް ބުޑުން ހޮނުގުގުރިއެއް އަޑުއިވުނު ކަހަލައެވެ. އޭނައަށް އެލަފުޒުތަކުން މުހާތަބުކުރުމުގެ ހައިސިއްޔަތެއް ޒަރާރްއަށް ލިބިގެން ނުވެއެވެ. އޭނަގެ ދަރިފުޅަކީ ހަމައެކަނި ދައްޔާނެވެ. ޒަރާރް އަކީ އޭނައަށް ޖެހިފައި އޮތް ބޮޑު މުސީބާތެކެވެ. ނޮހޮރޮއްޕާނެކެވެ. އެހެންކަމުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
''އަޅުގަނޑު ބޭނުން ކައިވެނީގެ ތައްޔާރީތަކުގައި މަންމަ ވެސް ބައިވެރިވާން...'' ޒަރާރް ބުނެލީ ހިތުގެ އަޑިންނެވެ.
އިހުސާސްތައް ދެއްކުންތެރިކަމުގެ ހިނިތުންވުމެއްގެ ފަހަތުގައި ސިއްރުކުރަމުން އަޒީލާ ބޯޖަހާލިއެވެ. އެއްޗެއް ބުނަން ޒަރާރް އަނގަހުޅުވާލި ތަން އަޒީލާއަށް ފެނުނެވެ. މަޑުކުރުމެއް ނެތި ދާން ހިނގައިގަތީ ޒަރާރް ބުނާ އެއްޗެއް އަޑުއެހުމުގެ ޝައުޤުވެރިކަން ނެތުމުންނެވެ.
''ކަލޭގެ މަންމަ އޮތީ ކަށްވަޅުގަ، އޭނަގެ މަހާނަ ކައިރިއަށް ގޮސްފަ މަންމައަށް ގޮވާބަލަ!، މި ދެން ކިހާ ދެރަވެއްޖެ ކަމެއްތަ!، ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެހެން އަހަރެން ދުޢާކުރާނަން، ރަނގަޅީ ޖެހުނުޖެހުނީނުން މަރުވެއްޖެއްޔާ...'' ކުރިއަށް ހިނގައިގަންނަމުން އަމިއްލަ ނަފުސާއި އަޒީލާ ވާހަކަދެއްކިއެވެ. ޒަރާރްއަށް ބަދުދުޢާ ކުރަމުންނެވެ.
އަޒީލާ ދިއުމުން ޒަރާރް ދެރަވިއެވެ. އަވަސްއަވަހަށް ހިނިތުންވެލީ މޮޅިވެރިކަމުގެ ލިސާންތައް ވަންހަނާކުރުމަށެވެ. ނަމަވެސް ޒަރާރްއަށް އައި ބަދަލުތައް މަސްރޫރަށް ފާހަގަކުރެވުނެވެ، މަންމާއޭ ކިޔައި އަޒީލާއަށް ގޮވާލުމުން އެކަމުގެ ފަހަތުގައި ފޮރުވުފައި އޮތް މާނަ ވެސް އަޒީލާއަށް ފަހުމުކުރެވުނީ ހެއްޔެވެ؟ ނޫނީ ގަސްދުގައި އެކަމަށް އިންކާރު ކުރީ ހެއްޔެވެ؟ އަޒީލާއަށް މަންމަގެ ލަޤަބާއި މަޤާމު ދޭން ޒަރާރްއަށް އުނދަގޫވާނެ މިންވަރު ރާކާނުލީ ހެއްޔެވެ؟ އެހާއްސަ ވަގުތުކޮޅަށް ޤަދަރެއް ވެސް ނުކުރިއެވެ.
*****
ކޮޓަރިއަށް ވަންނަމުން އަތުގެ ކޮޅަށް ދައްޔާން ދޮރު ޖެހިއެވެ. ޖިންސުގެ ޖީބުގައި ފޯނު ނަގައި، ތަނާލްއާއި ބެހޭގޮތުން އެއްކޮށްފައި ހުރި މަޢުލޫމާތުތައް ބަލަން ފެށިއެވެ. ކުރިއަށް ދާން އޮތް މަގު ވަރަށް ސާފެވެ.
''ބިރު ދައްކާލާ އިރަށް ހުންނާނީ ސެޓުވެފަ، ވިމެން އާރ ވީކް...'' ރައިހާންގެ ޖުމްލަ ތަކުރާރުކުރަމުން ޒަރާރް އޭނަގެ ހިތަށް ވިސްނައިދިނެވެ. އަމިއްލަ ނަންބަރުން ތަނާލްއަށް ގުޅަން އުޅެފައި ޚިޔާލު ބަދަލުކޮށްލިއެވެ. ފަސޭހައިން ނޭނގޭނެ ގޮތަށް ވަކި މަރުހަލާތަކަށް ބަހައިގެން ތަނާލްއަށް ބިރުދައްކަން ރާވާލިއެވެ. ބިރުގެ މައްޗަށް ސިހިސިހި ހުންނަންވުމުން އޭނަގެ ބުނާ ގޮތަށް ކަންތައްކުރުން ނޫން ގޮތެއް ތަނާލްއަކަށް ނޯންނާނެއެވެ.
''އޭތް!، މަ ބޭނުން ފޭކު ނަންބަރެއް، ޓްރޭސް ނުކުރެވޭނެ ކަހަލަ ނަންބަރެއް...'' އެނދުގައި އިށީންނަމުން ދައްޔާން ގުޅީ ރައިހާނަށެވެ.
''އައި ގޮޓް ޔޫ ބްރޯ... އެންމެފަހުން އަހަރެން ބުނި ގޮތަށް ދޯ މިވީ...'' ހިނިގަނޑެއް ޖަހަމުން ރައިހާން ބުނެލިއެވެ.
''ބޭކާރު ވާހަކަނުދައްކާ ބުނިކަންތައް ކޮށްބަލަ...'' ބޮލަށްތުރާވެފައިވާ އަޑަކުން ދައްޔާން ބުނެލިއެވެ. ފޯނު ކަނޑާލި ތަނާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު ދައްޔާނަށް އިވުނެވެ. މަންމަ ފެނުމުން ދައްޔާންގެ ބޮލުގައި ރިއްސާލިއެވެ.
''ނޮޓް ނައު!...'' ދައްޔާން ދިނީ އިންޒާރެކެވެ. މަންމައަށް އިހްތިރާމުކުރުމުގެ ވިސްނުމެއް ދައްޔާންގެ ނެތެވެ.
''ދެން ކޮން އިރަކު، ވަމުން މިދާ ގޮތެއް ދާންއަކަށް ނުފެނޭތަ؟... އަހަރުމެން ބާކީ ވަނީއޭ...'' އަޒީލާ ބުންޏެވެ. ބާރަށް ހިނގާފައި ގޮސް ދައްޔާންގެ ކުރިމައްޗަށް އަޒީލާ ހުއްޓެވެ.
''ދެން މަ ކީއްކުރަންވީ؟...'' ރުންކުރުކަމާއެކު ދައްޔާން ބުނެލިއެވެ.
''ކުރަން ބުނި ކަންތައް ކުރިނަމަ މިހެން ނުވީސް...'' ދެލޯހަނިކޮށްލަމުން އަޒީލާ ބުންޏެވެ.
''ބޮޑު ****...'' ދިގު އިސްކޮޅުގެ މައްޗަށް ތެދުވެ ދައްޔާން މޭޕުއްޕާލިއެވެ.
''ކީކޭ!...'' އަޒީލާއަށް ލިބުނު ސިހުމުގައި ދެލޯބޮޑުކޮށްލިއެވެ.
''އާނ، ކަލޭ ތީ މަށަށް ޖެހިފަ ހުރި ބޮޑު ބަލާވެރިކަމެއް، ތީ އަހަރެންގެ މަންމައެއް ނޫން، އެހެންނޫންނަމަ އަހަރެން ބޭނުންވާ ކަންތައް ފުރިހަމަކޮށްދޭނެ!...'' ރުންކުރުކަމާއެކު ދައްޔާނު ބުނެލިއެވެ.
''ކޮންކަމެއް ފުރިހަމަ ނުކޮށްދިނީ؟، އޭނ!، ޖަވާބުދީބަލަ!... އަހަރެން މިވީހާތަނަށް ކުރި ހުރިހާ ކަމެއް ކޮށްދިނީ ކަލެއަށްޓަކައި، ހުރި ގޮތްކުޑަކަން ބަލާބަ، އަހަރެން މީ ކަލޭގެ މަންމައޭ، އަހަންނާ ކަލޭ ވާހަކަދައްކަންޖެހޭ ގޮތް ވެސް ހަނދާން ނެތުނީތަ؟، ކަލޭ މިހާރު ތިއުޅެމުންދާ މުއްސަނދި ދިރިއުޅުން ހޯދައިދޭން އަހަރެން ނުކުރަނީ ކޮންކެމެއްތަ!...'' ޤަބޫލުކުރަން ދަތިވެފައި ހުރި އަޒީލާ ގާތަށް އައީ ރުޅިއެވެ. ދައްޔާންގެ ކޯތާފަތަށް ބާރުގަދަ ހަމަލާއެއް އަމާޒުކޮށްލިއެވެ.
''ވަޓް ދަ ....، ދެން އަހަރެންގެ ގަޔަށް އަތްއިސްނުކުރާތި!...'' ކޯފާތަފުގައި ފިރުމާލާފައި، ދެލޯހަނިކޮށްލަމުން ދައްޔާނު ބުނެލިއެވެ. ރުޅީގެ ހޫނުން ދައްޔާނުގެ ދެލޯ ހުރީ ރަތްވެފައެވެ. ރަހުމާއި ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް އެދެލޮލުގައި ނެތެވެ.
ބިރުންގޮސް އަޒީލާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ލޮލުގެ ނޫރުފަދައިން ބަލާބޮޑުކުރި ލޯބިވާ ދަރިފުޅުގެ ދެލޮލުން ފެނުނު ނަފުރަތުން އަޒީލާ ސިއްސުވާލައިފިއެވެ. ދެލޮލަށް ކަރުނަ ޖަމާވީ މޭގައި އުފެދުނު ރިހުމުގެ ސަބަބުންނެވެ. އެދަރަޖައަށް ދައްޔާންގެ އަމަލުތައް ދިޔައީ އޭނަގެ ތަރުބިއްޔަތުގައި ހުރި އުނިކަމުގެ ސަބަބުންކަން ރޭކާލި ހިނދު އަޒީލާގެ ދުލުން ބަސްހުއްޓިއްޖެއެވެ.
''ހަމަޖެހިގެން އުޅެވޭ ކަމަކަށް ވެސް ނުވެޔޭ، ކަލޭ ދެން މަށާ ވާހަކަނުދައްކާތި، އެހެންނޫނީ އަހަންނަށް ކުރެވޭނެ ކަންތައް ވެސް ހުންނާނެ، ކަލޭގެ ރޭވުންތައް ބައްޕައަށް އެނގިއްޖެއްޔާ މާ ރީއްޗެއް ނުވާނެ!...'' ދަތްކުނޑިވިކަމުން ދައްޔާން ބުންޏެވެ. އޭނަ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
އަޒީލާ ތިރިވީ އެނދުމައްޗަށެވެ. އެނދުގައި އިށީންނަމުން މޭގައި އޭނައަށް އަތްތިލަ ޖައްސާލެވުނެވެ. ދައްޔާންގެ ކޮންޓްރޯލް އޭނަގެ މުށުތެރޭން ދޫވެގެން ގޮސްފިއެވެ. ވިސްނާވިސްނާ ނޭނގުނީ ދައްޔާނަށް އެފަދަ ބަދަލެއް އަންނަން ޖެހުނު ސަބަބެވެ. އެތައް އިރެއް ވީއިރު ވެސް ލިބުނު ސިހުން ފިލާ ދާ ގޮތެއް ނުވިއެވެ.
*****
ހަވީރުގެ ސަޔަށްފަހު ބައްޕައާއި ވަކިން ވާހަކަދައްކާލަން ޒަރާރް ހުރީ ނިންމައިގެންނެވެ. ހަވީރު ސަޔަށް ފަހު ޕާޓިއޯގައި އޭރު ތިބީ މަސްރޫރާއި ޒަރާރް އެކަންޏެވެ. މަޢުރިބުގެ ކުރިން އަރާމުކޮށްލަން ޖާބިރާއި ސަރުވާ ދިޔައީ ކޮޓަރި އަށެވެ.
''ރަހުމާމެން އަންނާތީ އެކަމާ ކަންބޮޑުވެފަދޯ ތިހުންނަނީ؟...'' މަސްރޫރު ސުވާލުކޮށްލުމާއެކު ޒަރާރް ބޯޖަހާލިއެވެ.
''އެވްރީތިންގް ވިލް ބީ ފައިން...'' މަސްރޫރު ދިނީ ޔަޤީންކަމެވެ. ''ބައްޕައަށް އިތުބާރުކުރާނަންތަ؟...''
''ލައްބަ...'' ޒަރާރް ޖަވާބުދިނެވެ.
''އެހެންވިއްޔާ ދަރިފުޅު ހާސްނުވޭ، ދަރިފުޅު ވިސްނަންވީ ހަމައެކަނި ކައިވެންޏާ މެދު...'' ޒަރާރްގެ ކޮނޑުގައި އަތްޖައްސާލަމުން މަސްރޫރު ބުނެލިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ފުރުސަތު މި އެދޭ
ކޮމެންޓް