ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިންއަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި އަޕްޑޭޓާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މިއީ ކަސްޓަމަރުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ބަދަލާއެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުން ކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑައިލެވޭނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.