މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ނަމުގައި ބޮޑު ކާނިވަލެއް ބާއްވަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޑް ކޯޕްރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ "ސައްބީސް ކާނިވަލް" ކުރިޔަށްގެންދަނީ އެޗްޑީސީ އަދި އޮފިޝަން އިވެންޓްސް ގުޅިގެންނެވެ.

ހުޅުމާލޭގައި ބާއްވާ މި ކާނިވަލް އޮންނާނީ މިމަހުގެ 24 އިން 31 އަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އަށް ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، ލައިވް މިއުޒިކްއާ އެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެއެވެ.

މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެކެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.