މާލެ ސިޓީގައި ދިރިއުޅޭ، އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި، މާލެ ސިޓީ ކައުންސިލުން، އެއްވެސް އަގަކާ ނުލައި، ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެ ގޮތަށް ނިންމާފައިވަނީ، މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ނުވަ ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
އެ ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ އިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލެ ސިޓީގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ.
ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާ އިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ.
އެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން އަލީ ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގައި ގިނަ އަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ އެއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އޭގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއީލް ހަލީމް ވިދާޅުވީ، މި ކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މުހިންމު ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އެ ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލެ ސިޓީގައި އުޅޭ ރައްޔިތުންނާއި ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުއާމަލާތް ކުރުމަށް ފަސޭހަވެގެންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ފާތިމަތު ލިއުޝާ
މާލެ
މާލެ
މާލެ
ކޮމެންޓް