ކުއްޖަކު ނުކުޅެދުންތެރިއެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްްޕާ) ގެ މައްޗަށް ސިވިލްކޯޓުން އަމުރެއް ނުނެރެދިނެވެ.
މިއީ ލ. މާމެންދޫ އަޅިވިލާގެ އާދަމް ނަސީމުގެ ދަރިފުޅަކީ، ލޭއަޅާ ބަލީގެ ކުއްޖެއް ކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެ ކުއްޖާ ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމު ހުށަހެޅުމުން އެހީ ހަމަ ނުޖެހޭނެކަން އަންގާފައިވާތީ، އެކަމުގެ ސަބަބުން ހޯދުމަށް 20 ޖޫން 2019 ގައި އެންސްްޕާ އަށް ފޮނުވި ސިޓީއަށް މިހާތަނަށް ޖެވާބު ލިބިފައިނުވާތީ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އާދަމް ނަސީމުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ، އޭނާގެ ދަރިފުޅު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމަށާއި މާލީ އެހީތެރިކަން ހަމަޖައްސައިދިނުމަށާއި އަދި 23 މެއި 2019 އިން ފެށިގެން މައްސަލަ ނިމޭ ދުވަހަށް ބަދަލުގެ ގޮތުގައި އެ މަހަކަށްޖެހޭ ވަރެއް ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.
މި މައްސަލައިގައި އޭނާ ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެ ކުއްޖާ ހިމެނުމަށާއި މާލީއެހީތެރިކަމަށް އެދޭ ފޯމު 23 މެއި 2019 ގައި އެންސްްޕާއަށް ހުށަހެޅުމުން އެހީ ހަމަނުޖެހޭނެކަން އެސްއެމްއެސްގެ ޒަރިއާއިން އަންގާފައިވާ ކަމަށެވެ. ދެވަނަ ފަހަރަށް މާލީ އެހީތެރިކަމަށް އެދޭ ފޯމު ހަތެއް ޑިސެމްބަރު 2021 ގައި އެންސްޕާ އަށް ހުށަހެޅުމުން، އެހީ ހަމަ ނުޖެހޭނެކަން 27 ޑިސެމްބަރު 2021 ގައި އެސްއެމްއެސްގެ ޒަރިއާއިން އަންގާފައިވާ ކަމަށެވެ. އަދި އެހީ ހަމަނުޖެހިފައި ވަނީ އެންސްޕާއިން ބަލާ މިންގަނޑުތަކަށް ނުފެތޭތީ ކަމަށް އެ އެޖެންސީން ބުނެފައިވާތީ އެހީ ހަމަނުޖެހުނު ސަބަބު ހޯދުމަށް 20 ޖޫން 2019 ގައި އެ އެޖެންސީއަށް މިހާތަނަށް ޖަވާބު ލިބިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އާދަމް ނަސީމު ބުނެފައި ވަނީ، ދިގު މުއްދަތެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ އުނިކަމެއް ހުރި، އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހާ ހުރަސްތަކާ ހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއް ހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކީ ނުކުޅެދުންތެރިއެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް އެންސްޕާއިން ވަކި ގޮތަކަށް އެ މިންގަނޑު ބަޔާން ކުރުމަކީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހިލާފު ކަމެއް ކަަމަށްވެސް ބުނެފައިވެއެވެ.
އޭނާގެ ދަރިފުޅަކީ އުފަންވި އިރުވެސް ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހަށިގަނޑުގައި ލޭ އުފައްދައިނުދޭ، ލޭ އަޅަންޖެހޭ ބަލި ކުއްޖެއް ކަމަށާއި އުޅުމާއި ކެއުން ބަހައްޓަން ޖެހެނީ އެހެން މީހުންނާ ހިލާފަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ލޭ އެޅުމާއި ޑެސްފެރޯލް ގުޅުމުގައި އެތައް ވަގުތެއް ހޭދަކުރަންޖެހޭ ކަމަށާއި ވަރުބަލި ވުމާއި ނޭވާ ކުރުވުމާއި ހުޅުހުޅުގައި ރިއްސާ ކަމަށާއި މިކަން ކަމުގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތެއްގައި ބައިވެރިވެ އުޅުމަށް އެ ކުއްޖާއަށް ދައިވެފައިވާ ކަމަށްވެސް ބުންޏެވެ.
މި ދައުވާއަށް އިންކާރުކޮށް ދައުލަތުން ބުނެފައި ވަނީ ކުއްޖާއާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެ ކުއްޖާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ބެލުމަށްޓަކައި، ޓެސްޓްތަކެއް ހެދުނު ކަމަށެވެ.
ދައުލަތުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ކަނޑައަޅަނީ އެކަމަށް ހަދާ އެސެސްމެންޓުން 40 ޕަސެންޓަށްވުރެ މަތިން ލިބޭ ފަރާތްތައްކަން ކަމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ދައުވާކުރާ ފަރާތުން 23 މެއި 2019 ގައި ހުށަހެޅި ފޯމާ ގުޅިގެން ހެދުނު އެސެސްމެންޓުން އެ ފަރާތަށް ލިބިފައި ވަނީ 40 ޕަސެންޓަށްވުރެ ދަށުން ކަަމަށެެވެ.
މީގެ އިތުރުން "ތެލަސީމިއާ ޕޭޝަންޓް ރެކޯޑް ކާޑް" ގެ އިތުރުން ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ އިތުރު ލިއުމެއް އެކަން ހަމަޖެއްސުމަށް ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ، ދައުލަތް (އެންސްޕާ) އަށް އާދަމް ނަސީމު އެދުނު ފަދަ އަމުރެއް ކުރާނެ ތަނެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ކޮމެންޓް