އާޖެންޓީނާގެ އުމުރުން 33 އަހަރުގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

އާޖެންޓީނާއިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި އިރު، އެޓީމުގެ އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއް ކުޅުންތެރިޔަކީ ކީޕަރު މާޓިނޭޒްއެވެ. އޭނައަކީ އެފަހަރު ރަން އަންގި ހޯދި ކީޕަރެވެ. އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށްވެސް ގޮސްފައިވާ އިރު، ސްޕެއިން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މާޓިނޭޒް ވޯލްޑް ކަޕާ ގުޅިގެން އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި މިފަހަރުވެސް ދެކެމުން ދިޔައީ ވޯލްޑް ކަޕް ހޯދުމުގެ ހުވަފެން ކަމަށާއި، ފައިނަލުން ބަލިވުމުގެ ހިތާވަ ވަރަށް ބޮޑު ކަމަށެވެ. އަދި އެ އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ބައިވަރު ކަންކަމާ ވިސްނަން ޖެހޭ ކަމަށާއި، މިހާ ހިސާބުން ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދިޔުމާމެދު ހިޔާލު ތަފާތުވުމެއްގައި ހުރި ކަމަށެވެ. އަދި މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވިސްނަންވީ ވަގުތު ކަމަށް ވެދާނެ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒްއަކީ 2023 އަދި 2024 ވަނަ އަހަރު ބެލޮންޑިއޯގެ އެންމެ މޮޅު ކީޕަރު ޔަޝިން ޓްރޮޕީ ހޯދި ކީޕަރެވެ. އެސްޓަން ވިލާއަށް 2020 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މާޓިނޭޒް، އެ ކްލަބާއެކު 2029 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދާފައި އޮތް ނަމަވެސް، އިތުރު ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ އަގުތައް ވަނީ ގަދަވެފައެވެ.