ރާއްޖޭގެ ބާ ކައުންސިލުން ގާނޫނީ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ކޮންމެހެން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ނިންމި ކުއްލި ނިންމުމާ ގުޅިގެން، އޮންލައިންކޮށް ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މިދިޔަ ހޯމަ ދުވަހު އެ ކައުންސިލުން ވަނީ ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އާ މިންގަނޑުތަކެއް އާންމުކޮށްފައެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އަންނަ އޮގަސްޓު މަހުގެ 26 އިން ފެށިގެން ގާނޫނީ ރޮނގުން ކިޔަވާ ހުރިހާ ދަރިވަރުންވެސް އިމްތިހާނުތައް ހަދަން ޖެހޭނީ ހާޒިރުވެގެންނެވެ.

މި ކުއްލި ބަދަލާ ގުޅިގެން، އޮންލައިންކޮށް ގާނޫނީ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން އަންނަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މިގޮތުން ވިލާ ކޮލެޖާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ އިތުރުން އެވިޑް ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއްގައި މިހާރު ދަނީ ސޮއިކުރަމުންނެވެ. މި ޕެޓިޝަނުގައި އެ ދަރިވަރުން ވަނީ އިމްތިހާނުތައް އޮންލައިންކޮށް ބޭއްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައިފައެވެ.

ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޮންލައިންކޮށް ކިޔަވަމުންދާ ގިނަ ދަރިވަރުންނަކީ މާލެއިން ބޭރުގައި، ރަށްރަށުގައި ދިރިއުޅެމުންދާ ކުދިންނަށް ވުމެވެ.

އިމްތިހާނު ހެދުމަށްޓަކައި މާލެ އައިސް، މާލޭގައި ހުރުމާއި ކެއިންބުއިމަށް ކުރަންޖެހޭ ހޭދައަކީ ގިނަ ދަރިވަރުންނަށް އުފުލޭނެ މާލީ ބުރައެއް ނޫންކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގެ ހާލަތާއި އަދާކުރަމުންދާ ވަޒީފާގެ ސަބަބުން ކުއްލިއަކަށް މާލެ އައިސް އިމްތިހާނުގައި ބައިވެރިވުމަކީ ގިނަ ދަރިވަރުންނަށް ދަތިކަމެއް ކަމަށް އެ ދަރިވަރުން ފާހަގަކުރެއެވެ.