ސެމްސަންގް އިލެކްޓްރޯނިކްސްއިން އެ ކުންފުނީގެ 'ގެލެކްސީ' އިކޯސިސްޓަމާ ގުޅިފައިވާ އާ ސްމާޓް އައިނުތަކެއް މިއަދު ދައްކާލައިފިއެވެ. ލަންޑަންގައި މިއަދު ބޭއްވި 'ގެލެކްސީ އަންޕެކްޑް' އިވެންޓުގައި ދައްކާލި މި އައިނު އާންމުކޮށް ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ސެމްސަންގުން މި އައިނު އުފައްދަނީ ގޫގުލް އާއި ކުއަލްކޮމްގެ އިތުރުން، އައިނު ފަރުމާކުރާ ކުންފުނިތައް ކަމަށްވާ ޖެންޓަލް މޮންސްޓަރ އަދި ވޯބީ ޕާކަރ އާ ގުޅިގެންނެވެ. އެންޑްރޮއިޑް އެކްސްއާރް ޕްލެޓްފޯމްގައި މަސައްކަތްކުރާ މި އައިނުގައި ހިމަނާފައިވަނީ ކުއަލްކޮމް ސްނެޕްޑްރެގަން އޭއާރް1 ޖެން 1 ޗިޕްސެޓެވެ. ގޫގުލްގެ ޖެމިނައި އޭއައި މެދުވެރިކޮށް، ދިގު މެސެޖުތައް ހުލާސާކުރުމާއި، ވަގުތުން ބަސްތަރުޖަމާކުރުމާއި، ކެމެރާ މެދުވެރިކޮށް މާހައުލުގައިވާ ތަންތަނާއި ތަކެތި ދެނެގަތުމުގެ ގާބިލުކަން މި އައިނަށް ލިބިގެންވާ ކަމަށް ސެމްސަންގުން ބުނެފައިވެއެވެ. މީގެ އިތުރުން، ގެލެކްސީ ވޮޗް މެދުވެރިކޮށް އަތުގެ އިޝާރާތުން އައިނު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސެމްސަންގް އެމްއެކްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު، ވޮން-ޖޫން ޗޯއި ވިދާޅުވި ގޮތުގައި، އޭއައިގެ ސަބަބުން މޯބައިލް ތަޖުރިބާތަކަށް ބަދަލު އަންނަމުންދާއިރު، ކުންފުނީގެ އަމާޒަކީ ކޮންމެ މީހެއްގެ ވެސް އާންމު ދިރިއުޅުމާ ގުޅޭގޮތަށް އޭއައިގެ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މި އައިނުގެ ބެޓެރީ އެއްފަހަރު ޗާޖުކޮށްގެން ނުވަ ގަޑިއިރު ވާންދެން ބޭނުންކުރެވޭނެ ކަމަށާއި، ޗާޖިން ކޭސް މެދުވެރިކޮށް އިތުރު ހަތް ފަހަރު ޗާޖުކުރެވޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިހާރު ބާޒާރުގައި އެންމެ މަގުބޫލުކޮށް ބޭނުންކުރާ މެޓާގެ ރޭ-ބޭން ސްމާޓް އައިނާ އަޅައި ބަލާއިރު، ސެމްސަންގްގެ އައިނުގެ އެންމެ ބޮޑު ތަފާތަކީ ގެލެކްސީ އިކޯސިސްޓަމްގެ އެހެނިހެން އާލާތްތަކާ ގުޅިފައިވުމާއި، ގޫގުލްގެ އޭއައި ނިޒާމަށް ބަރޯސާވުމެވެ. މި އައިނުގައި ޑިސްޕްލޭއެއް ނުހިމެނޭއިރު، މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އޯޑިއޯ އަދި ސްމާޓްފޯނާ ގުޅިގެން ކުރެވޭ މުއާމަލާތްތަކަށެވެ. މި އައިނުގެ އަގު އަދި ސެމްސަންގުން ހާމަކޮށްފައެއް ނުވެއެވެ.