އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، އެ ސިޓީގެ "ސަވާހެލި" ސަރަހައްދު އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވައިފިއެވެ.

ރައީސް، މިނިންމެވުން ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރަށްރަށާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން މިރޭ ނެރުއްވި ގަރާރަކުންނެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ އިހުތިސާސަށް ގެނައި ބަދަލުތައް ހިމެނޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ކަމަށެވެ.

ސަވާހެލި އަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ފޭދުއާއި މަރަދޫފޭދޫއާ ދެމެދު އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން އަމާޒު ހިފާފައިވާ ތަނެކެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން އެދެވޭ މިންވަރަކަށް ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ އަމާޒެކެވެ.

އެގޮތުން، އައްޑޫގެ، ހަންކެޑެ މަޝްރޫއު ހަލުވިކުރުމަށްޓަކައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއްވެސް މިދިޔަ ހަފުތާގައި ވަނީ އުފައްދައިފައެވެ.