ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަށް ކަމަށް ބުނެ އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނާ ބުނުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިއަދު ދޮގުކޮށްފިއެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އީރާނުން އިންޒާރުތައް ދެމުންދިޔަ ނަމަވެސް ބައިނަލްއަގުވާމީ ވިޔަފާރީގެ ދަތުރުތަކަށް އެ ކަނޑުއޮޅި އޮތީ ހުޅުވިފައެވެ. އަދި އެމެރިކާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ވިޔަފާރި ބޯޓުފަހަރުތަކުން މެދުކެނޑުމެއްނެތި އެ މަގު ބޭނުންކުރަމުން އަންނަކަމަށް އެ ކޮމާންޑުން ފާހަގަކުރިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައި ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، މިދިޔަ މެއި މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް 900 އަށް ވުރެ ގިނަ ވިޔަފާރި ބޯޓަށް އެމެރިކާ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި 450 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އުފުލި ބޯޓުފަހަރު ހިމެނޭ ކަމަށް އެ ކޮމާންޑުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު މަގެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސަޕްލައިކުރާ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލަނީ މި ކަނޑުއޮޅި ހުރަސްކޮށެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި މަގުންނެވެ. ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

އައިއާރްޖީސީން ބުނަމުންދަނީ އެ ކަނޑުއޮޅިއަށް ވަދެ ނުކުމެވޭނީ އީރާނުން ހުއްދަ ދޭ މަގުތަކަކުން އެކަނި ކަމަށެވެ. އަދި އެ ގައުމުގެ އިންޒާރުތަކާ ހިލާފުވާ ބޯޓުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ މިކަމާ ދެކޮޅުހަދައި، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.