އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެ ގައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން އެމެރިކާ މޮޅުވަމުން އަންނަ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ޖޯޖިއާގެ ހައި ސްކޫލެއްގައި އިއްޔެ ދެއްވި ތަގުރީރެއްގައެވެ.

މި ތަގުރީރުގައި ޓްރަމްޕް ވަނީ ހޮރުމުޒް ކަނޑުއޮޅީގެ މުހިންމުކަން ކުޑަކަން ދޭހަވާގޮތަށް ވާހަކަފުޅުދައްކަވައިފައެވެ.

ޓްރަމަޕް ވިދާޅުވި ގޮތުގައި، އެމެރިކާއާއި ވެނެޒުއޭލާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގެ 62 އިންސައްތަ ކޮންޓްރޯލްކުރާތީ، އެމެރިކާއަށް އެ ކަނޑުއޮޅި މުހިންމެއް ނޫނެވެ. ނަމަވެސް އެ ސަރަހައްދުގައި އެމެރިކާއިން ހަރަކާތްތެރިވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށް ކަމަށް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، މާހިރުން ފާހަގަކުރާ ގޮތުގައި ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ، އިގުތިސޯދީ ގޮތުން ނުހަނު މުހިންމު މަގެކެވެ. އެހެންކަމުން، އެ މަގު ބަންދުވެއްޖެނަމަ ދުނިޔޭގެ އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންގެ ތެރެއިން 52،000 މީހުން އެ ގައުމުގެ ސަރުކާރުން މަރާލާފައިވާ ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. ނަމަވެސް މިއީ އެއްވެސް މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައިވާ އަދަދެއް ނޫނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި، މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު އުޅެނީ 7،000 ގައެވެ. އެހެންކަމުން، ޓްރަމްޕް ހާމަކުރެއްވި އަދަދަކީ ހަގީގަތާ ހިލާފު އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތަކެއް ދެމުންދާއިރު، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އީރާނުން ހަމަލާދޭނަމަ، އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ. މީގެ ތެރޭގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި ބްރިޖުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މި މައްސަލަޔާ ގުޅިގެން އީރާނުންވެސް ވަނީ، އެމެރިކާއިން ހަމަލާދީފިނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.