ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ހިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި މަރުވި ފުލުހުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގައެވެ.

މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ. ދުވަހާ ގުޅިގެން މިއަދު 06:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، ދުއާއެއް ކުރުން އޮތެވެ. އޭގެ އިތުރުން، ޝަރަފުގެ ގާޑެއް މެމޯރިއަލް ވޯލްގައި މައުންޓްކޮށް، މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި ފަސް ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ ޝަހީދު ސާޖަންޓް އަލީ ނާޒިމް، ޝަހީދު ސާޖަންޓް އާދަމް ހަލީމް، ޝަހީދު ސާޖަންޓް މިސްބާހް އަބްދުﷲ، ޝަހީދު ސާޖަންޓް އަހްމަދު ވިފާގް އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރެވެ.

23 ޖުލައި 2026: ހިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/ ފުލުހުން

ވާޖިބު އަދާކުރަމުން ދަނިކޮށް މަރުވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު އާކުރި ކަމަށް ފުލުހުން ބުންޏެވެ.

ވާޖިބު އަދާކުރަމުން ދަނިކޮށް މަރުވި 11 ފުލުހުން:

  • ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަދީމް
  • ޕޮލިސް ސަރޖަންޓް ހުސައިން ޝަރީފް
  • ޕޮލިސް ސަރޖަންޓް ޝުޖާޢުއު އަދުނާން
  • ޕޮލިސް ސާޖަންޓް އިސްމާއީލް ރިޒާ
  • ޕޮލިސް ކޯޕްރަލް މުހައްމަދު ޝާތިރު
  • ޕޮލިސް ލާންސް ކޯޕްރަލް ހަސަން އަޝްރަފް
  • ކޮންސްޓަބަލް އަބްދުލްބާސިތު.
  • ސާޖަންޓު ފާތިމަތު ރިފާ.
  • ކޮންސްޓަބަލް ހުސައިން ގައިސް
  • ސާޖަންޓު މުހަމަދު އަރުޝަދް.

އޭގެ ތެރޭގައި އެންމެ ފަހުން މަރުވި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އާސިފް ވެސް ހިމެނެއެވެ. އަހްމަދު އާސިފް މަރުވީ 2026 ޖޫން 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަހްމަދު އާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.