"ދަ ގާޑަންސް" ފްލެޓް ޕްރޮޖެކްޓުން ފްލެޓް ހަވާލުކުރަންޖެހޭ މުއްދަތުގައި، ފްލެޓް ހަވާލު ނުކުރުމުން ޖޫރިމަނާ ފައިސާ ހޯދަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެގި އިހްތިސާސް މައްސަލަ ބަލައިނުގަނެ އެ މައްސަލަ ކުރިއަށްގެންދަން ސިވިލް ކޯޓުން ނިންމައިފިއެވެ.

ހުސެއިން ހަމީދު ކިޔާ މީހަކު މި މައްސަލަ ސިވިލްކޯޓަށް ހުށަހަަޅާފައި ވަނީ، ޖާހް އިންވެސްޓްމަންޓް ޕްރައވެޓް ލިމިޓެޑު (ޖާހް) އިން ތަރައްގީ ކުރުމަށް އެއްބަސްވި، "ދަ ގާޑަންސް" އެޕާޓްމަންޓް ކޮމްޕްލެކްސްގެ 902 ވަނަ ނަމްބަރު ވިލާ ގަތުމަށް ޖާހް އާ ދެމެދު 26 ފެބްރުއަރީ 2019 ގައި ވި އެއްބަސްވުމާ ހިލާފަށް، އެޕާޓްމަންޓް ހަވާލުކުރަންޖެހޭ ތާރީހު ކަމަށްވާ ޑިސެމްބަރު 2019 ގެ ކުރިން އެ ޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ އެޕާޓްމަންޓް ހަވާލު ކުރުމާ ހަމައަށް، އެއްބަސްވުމުގައި ވާގޮތަށް ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

އޭނާ މި ދައުވާ ކޮށްފައި ވަނީ، ޖާހް އިންވެސްޓްމަންޓް ލިމިޓެޑާއި ޖާހް ޕްރައިވެޓް ލިމިޓެޑާއި އަހްމަދު ޖަހުދާން ޖައުފަރު އަދި އެޗްޑީސީގެ މައްޗަށެވެ.

ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން "ދަ ގާޑަންސް" ތަރައްގީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. އެ ޕްރޮޖެކްޓް ނިންމުމަށް އެ ކުންފުންޏަށް ދިނީ ދެ އަހަރެވެ.

ނަމަވެސް ދިން މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ, އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ޕްރޮޖެކްޓް ނިންމާފައެއް ނުވެއެވެ.

އެހެންވެ އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވިއެވެ.

އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. ނޫން ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި ވެސް ޕްރޮޖެކްޓް މަސައްކަތް ނިންމާފައި ނުވާތީ އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.

އެއަށްފަހު "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖަވާލު ކުރިއެވެ.

އެ މައްސަލައިގައި ޖާހް އިން ވަނީ އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެ މައްސަލަ މިހާހިސާބަށް ގޮސްފައި ވަނިކޮށް، ހުސެއިން ހަމީދު ކުރި ދައުވާއަށް ރައްދު ދިނުމަށް އެޗްޑީސީއަށް ލިބުނު ފުރުސަތުގައި ވަނީ ކޯޓުގެ އިހްތިސޯސާ މެދު ސުވާލު އުފެއްދުމެއް ހުށަހަޅައިފައެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ، މި މައްސަލައިގައ ހިމެނޭ މުއާމަލާތަކީ ހުސެއިން ހަމީދު އާއި ޖާހާ ދެމެދު ވެފައިވާ މުއާމަލާތެއް ކަމަށާއި އެއީ އެޗްޑީސީއާ ދެމެދު ވެފައިވާ މުއާމަލާތެއް ނޫން ކަމަށެވެ.

ހުސެއިން ހަމީދު އާއި ޖާހް އާ ދެމެދު ކޮށްފައިވާ މުއާމަލާތުގައި ހިމެނޭ ވައުދުތަކާއި އިލްތިޒާމްތަކަށް އެޗްޑީސީން ޒިންމާވާން ނުޖެހޭ ކަމަށާއި އެ މައްސަލަ އެޗްޑީސީއާ ދެކޮޅަށް ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަކީ، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެޗްޑީސީން ހުށަހެޅި އިހްތިސާސް މައްސަލައިގެ ޖަވާބުގައި ދައުވާކުރާ ފަރާތުން ބުނެފައި ވަނީ، އެއްބަސްވުމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނިފައި ނުވި ނަމަވެސް، ޖާހްގެ އެއްބަސްވުމުން ލިބުނު ހައްގުތައް އެޗްޑީސީއަށް ބަދަލުކޮށްފައިވާތީ، އެ ހައްގުތައް ބަދަލުކުރާ ހާލަތުގައި، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ޒިންމާތައް ބަދަލު ކުރެވޭ ފަރާތް ތަބާވާނެކަން، އެއްބަސްވުމުގެ 22 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށެވެ.

އަދި އެ މަޝްރޫއަށް ވީ ގޮތާއި ތަރައްގީ ކުރުމުގެ ހައްގުތަކާ ހަވާލުވީ ކޮން ފަރާތަކުންކަން ދެނެގަނެވޭނީ އެޗްޑީސީން ދައުވާއަށް ޖަވާބުދާރީވާ ގޮތެއްގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑެމްނިޓީ ބަޔާންކުރާ ނުކުތާއަކީ މައުލޫއުގައި ދައްކަންޖެހޭ ވާހަކައެއް ކަމާއި އެފަދަ މާއްދާއެއްގެ ޒަރީއާއިން އެޗްޑީސީއަށް ލިބޭ ގެއްލުމެއް، ޖާހު އަތުން ހޯދުމުގެ ފުރުސަތު އެޗްޑީސީއަށް ލިބިދީފާނެ ކަމާއި އޭގެ މާނައަކީ އެޗްޑީސީން ހުސެއިން ހަމީދަށް އަދާކުރަންޖެހޭ ޒިންމާއެއް އުނިވާންޖެހޭ ސަބަބެއް ނޫން ކަމާއި ކޯޓުގެ އިހްތިސާސްއިން އެޗްޑިސީ ބޭރުވާނެ ސަބަބެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ހެކި ހުށަހެޅުމާއި ތައުނު ކުރުމަކީ ޝަރީއަތުގެ މަރުހަލާގައި ހިންގާ ކަމެއް ކަމާއި ހެއްކާ ގުޅޭ ގޮތުން ފާހަގަކުރަންޖެހޭ ކަންކަން ފާހަގަ ކުރަން ޖެހޭނީ މައްސަލައިގެ ޖަވާބުދާރީވުމަށްފަހު އެ މަރުހަލާގައި ކަންވެސް އެފަރާތުން ފާހަގަ ކުރިއެވެ.

މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންތައްތަކަށް ބަލާ އިރު އެޗްޑިސީން ހުށަހަޅާފައިވާ ކަންކަމަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ، މައްސަލަ ބަލައިގެން ނުވާނެ ހާލަތެއް ނޫން ކަަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އަދި އެޗްޑީސީން ދައުވާފޯމާ ހަވާލުވިކަން އަންގައިދޭ ލިއުން އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޯޓަށް ހުށަހަޅަން ވެސް ވަނީ އަންގައިފައެވެ.