އާސެނަލްގެ ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ސަލީބާ، 25، ބުރަކަށްޓަށް ލިބުނު އަނިޔާއަކީ މިހާރު ދުވަސްތަކެއްވެފައިވާ އަނިޔާއެއް ކަމަށް އޭނާ ކުރިން ބުނެފައިވެއެވެ. އެގޮތުން ސަލީބާ ވޯލްޑް ކަޕްގައިވެސް ކުޅެފައި ވަނީ އެ އަނިޔާއާއެކުގައެވެ. ސަލީބާ ފްރާންސުން ސްޕެއިނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލާ ހަމައަށް މެޗުތައް ކުޅުނު ނަމަވެސް، އެމެޗުގައި އަނިޔާގެ ސަބަބުން ފައިބަން ޖެހިފައިވެއެވެ.

އޭގެފަހުން ފްރާންސުން ކުޅުނު ތިންވަނަ ހޮވި މެޗުގައި އިންގްލެންޑާ ދެކޮޅަށް ސަލީބާ ކުޅެފައެއް ނުވެއެވެ.

ވޯލްޑް ކަޕް ކުރިން ވާހަކަ ދައްކަމުން ބުނީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ ބުރަ ބޮޑުވުމުން ބުރަކަށްޓަށް އަނިޔާއެއް ލިބިފައިވާ ކަމަށާއި، އެ އަނިޔާއާއެކު ސީޒަނުގެ ބޮޑުބައެއްގައިވެސް ކުޅެން ޖެހިފައިވާ ކަމަށެވެ. ސަލީބާ ބުނީ ވޯލްޑް ކަޕް އަންނަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކަމަށާއި، މެޗުތައް ކުޅެން ނުކުތީ އެހެންވެ ކަމަށެވެ.

ސަލީބާ، މިދިޔަ ސީޒަނުގައި 50 މެޗު ކުޅެފައިވާ އިރު، އެޓީމުން 22 އަހަރު ފަހުން ލީގު ހޯދިއިރު އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. އާސެނަލުން މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 16 ގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެމެޗުގައި ސަލީބާ ނުފެންނާނެ ކަމަށް ބެލެވެއެވެ.