"ފުޓްބޯޅަ ޓްރޭނިން ފެސިލިޓީ" ތަރައްގީކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލޭން ދިން ބިން އަތުލުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނބުރާ ގެންގޮސްފިއެވެ.

އެ ބިމަކީ އެޗްޑީސީ އާއި އެފްއޭއެމް އާ ދެމެދު 11 ޖުލައި 2018 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން "ފުޓްބޯޅަ ޓްރޭނިން ފެސިލިޓީ" ތަރައްގީކުރުމަށް ދީފައިވާ ބިމެކެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ބިން ތަރައްގީކޮށްފައި ނުވާތީ އާއި އެއްބަސްވުމާއި އެއްގޮތަށް ކުލި ވެސް ދައްކަމުން ނުދާތީ، އެއްބަސްވުން ނިމުމަކަށްގެނެސް، ބިން އަނބުރާ އެޗްޑީސީއާ ހަވާލު ކުރުމަށް އެދި އެޗްޑިސީން ނޯޓިސް ފޮނުވިއެވެ. ނަމަވެސް، ބިން ހަވާލުނުކޮށް އެފްއޭއެމުން ބިން ބޭނުންކުރަމުންދާތީ އެޗްޑީސީން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.

އެޗްޑީސީން ކޯޓުގައި އެދުނީ، އެ ބިން ހުސްކޮށް، އެޗްޑީސީއާ ހަވާލުކުރާ ދުވަހާ ހަމައަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއަކީ އެފްއޭއެމުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ފައިސާ އެކީ އެއްފަހަރާ އެޗްޑީސީއަށް ދެއްކުމަށް އަންގައި އަމުރުކޮށް ދިނުމަށްވެސް އެދުނެވެ.

އޭގެ އިތުރުން އެފްއޭއެމުން އެއްބަަސްވުމާ ހިލާފުވުމުގެ ސަބަބުން އެޗްޑީސީއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމަށް އެފްއޭއެމް ޒިންމާ ވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެޗްޑީސީން އެދުނެވެ.

މި މައްސަލައިގެ ދައުވާފޯމާއި ލިޔުންތައް އެފްއޭއެމްއަށް ކޯޓުން ރައްދު ކުރުމުން އެ ފަރާތުން ހުށަހެޅި ދިފާއު އާ ގުޅިގެން ރައްދު ހުށަހެޅުމަށް އެޗްޑީސީއަށް ދިން ފުރުސަތުގައި އެއްވެސް ލިޔެކިއުމެއް ކޯޓަށް ހުށަހަޅާފައިނުވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ފުރުސަތަކަށް ދެފަރާތުން އެދުނެވެ.

އެ ފުރުސަތު ދިނުމާ ގުޅިގެން މި މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސަބަބެއްކަމަށް އެޗްޑީސީން ބުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާތީ އާއި މަޝްވަރާގެ އަލީގައި މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، ފަހުން މި ދައުވާ އަލުން ހުށަހެޅުމަށް ކަމަށެވެ.

ދައުވާ އަނބުރާ ގެންދިއުމާމެދު އެފްއޭއެމުން އިއުތިރާޒުކޮށްފައި ނެތުމުން، އެ ދައުވާ އަނބުރާ ގެންދިޔަކަަމަށް ސިވިލް ކޯޓުން މިއަދު ނިންމިއެވެ.