މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ހާފް މެރަތަން (އެމްއެޗްއެމް26) ގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ދުވުމަކީ 2,000 އަށްވުރެ ގިނަ ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އެ ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު 8 ކެޓަގަރީއަކަށް ބަހާލައިގެންކަމަށް ބީއެމްއެލުން ބުންޏެވެ.

އޭގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރުގެ ފަން ރަން، 5 ކިލޯމީޓަރުގެ ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި އާއިލީ ދުވުން ހިމެނޭކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ހަރަކާތުގެ ތެރެއިން، ދުވުމުގެ ކުރިން ބާއްވާ ހާއްސަ އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކްގައި އޮގަސްޓް 11 އިން 13 އަށް ކުރިއަށްދާނެކަމަށް ބީއެމްއެލުން ބުންޏެވެ.

އައިރަނާސް އިން އިންތިޒާމުކުރާ އެ އެކްސްޕޯއަކީ ދުވުންތެރިންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް މައުލޫމާތާއި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ތިން ދުވަހުގެ ހަރަކާތެއްކަމަށް ބީއެމްއެލުން ބުންޏެވެ.

މި އަހަރުގެ ދުވުމުގެ ތަފާތު ކަމަކީ، ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކުން ލިބޭ ފައިސާގެ ތެރެއިން ބައެއް ތިމާވެށި ހިމާޔަތްކުރުމަށް ހަދިޔާކުރުމަށް ނިންމާފައިވުންކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން ޕްރޮޓެކްޓް ރީފް ކެމްޕޭނުގެ ދަށުން އެ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ސޭވް ދަ ބީޗް ޖަމިއްޔާއަށްކަމަށް ބީއެމްއެލުން ބުންޏެވެ.