އިންޑިއާގެ ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެ ގައުމުގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް، ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހު މިއަދު އެ ހަޅުތާލު ނިންމާލައިފިއެވެ.

އުމުރުން 59 އަހަރުގެ ވަންގްޗުކް މި ހަޅުތާލު ފެށީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހަޅުތާލު ނިންމާލީ، މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަންގްޗުކް ބުނި ގޮތުގައި، ހަޅުތާލު ނިންމާލީ ގިނަ ޝަރުތުތަކަކާ މެދު މަޝްވަރާކުރުމަށްފަހު، ގައުމުގައި ހަމަނުޖެހުން އުފެދިދާނެތީ އެކަމަށް ރިއާޔަތްކުރުމަށްފަހުއެވެ. އޭނާ ހަޅުތާލު ނިންމާލީ އިންޑިއާގެ ދެ ވަޒީރުން ކަމަށްވާ ޖޭޕީ ނައްޑާ އަދި ޖިތެންދުރަ ސިންގްގެ ހާޒިރުގައެވެ.

މި ހަޅުތާލަކީ އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް ހަދާ އިމްތިހާނުގެ ޕޭޕަރު ލީކުވި މައްސަލައާ ގުޅިގެން، އެ ގައުމުގެ ޒުވާނުން އިސްވެ ފަށާފައިވާ "ކޮކްރޯޗް މޫވްމަންޓް" އަށް ތާއީދުކުރުމުގެ ގޮތުން ފެށި ހަޅުތާލެކެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އިންޑިއާގެ ތައުލީމާ ބެހޭ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށެވެ. މީގެ އިތުރުން، އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 65 މެންބަރަކު ވަނީ ހަޅުތާލު ނިންމާލުމަށް އެދި އޭނާއާ ބައްދަލުކޮށް، އަދި ސިޓީ ފޮނުވާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި، އިމްތިހާނު ޕޭޕަރު ލީކުކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ވަންގްޗުކްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ހަށިގަނޑުގެ ބަރުދަން އަލުން އިއާދަކުރުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. ވަންގްޗުކްގެ ހަޅުތާލު ނިންމާލި ނަމަވެސް، މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ ތައުލީމާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.