ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބޭ ކަމަށް ބުނެ، އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުއްޖަކު މެޓާއާ ދެކޮޅަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ކޯޓު ލިޔެކިޔުންތަކުގައި "އާރް.ކޭ.ސީ" ގެ ނަމުން ނަންދީފައިވާ މި ކުއްޖާގެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ، ލޮސް އެންޖެލިސްގެ ކޯޓެއްގައި މި މައްސަލައިގެ ޝަރީއަތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. މި ދައުވާގައި އެ ކުއްޖާ ބުނެފައިވަނީ، މެޓާގެ ޕްލެޓްފޯމްތަކަކީ ކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން އޭނާއަށް ޑިޕްރެޝަނާއި އެންޒައިޓީގެ މައްސަލަތައް ކުރިމަތިވި ކަމަށެވެ.

މި މައްސަލައިގައި މެޓާގެ އިތުރުން ޔޫޓިއުބް، ޓިކްޓޮކް އަދި ސްނެޕްޗެޓާ ދެކޮޅަށް ވެސް ދައުވާކުރިއެވެ. ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އެ ކުންފުނިތަކާއެކު އެ ކުއްޖާ ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައެވެ. ކުއްޖާގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މެޓާއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ ހަފުތާތަކަކަށް ދެމިގެންދާނެ ބުރަ ޝަރީއަތަކާ ކުރިމަތިލުމުގެ ބަދަލުގައި، ކުއްޖާގެ ނަފްސާނީ ފަރުވާއަށް އިސްކަންދިނުމުގެ ގޮތުންނެވެ. އަދި ސޯޝަލް މީޑިއާ ކުންފުނިތައް ޖަވާބުދާރީ ކުރުވުމަށް ކުއްޖާ ބޭނުންވި މަގުސަދު ހާސިލުވެއްޖެ ކަމަށް ވެސް ވަކީލުން ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެއްވެސް މާލީ ބަދަލެއް ދިނުމަކާ ނުލައި މައްސަލަ އަނބުރާ ގެންދިއުމުން ދޭހަވަނީ އެ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމެވެ. އަދި އަސާސެއް ނެތް ދައުވާތަކުން ދިފާއުވުމުގައި ކުންފުނިން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކަށް ހުށަހަޅާފައިވާ އެތައް ހާސް މައްސަލަތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. ކެލިފޯނިއާގެ ކޯޓުތަކުގައި އެކަނި ވެސް މިފަދަ 3،300 އަށް ވުރެ ގިނަ މައްސަލަ މިހާރު ވެސް ކުރިއަށްދެއެވެ. މި މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މެޓާއާ ދެކޮޅަށް ހުށަހަޅާފައިވާ އެހެނިހެން މައްސަލަތަކުގެ ޝަރީއަތްތައް ކޯޓުތަކުގައި ކުރިއަށް އެބަދެއެވެ.