އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު މަރުވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ، ގައްޒާގެ ބައެއް ސަރަހައްދުތައް ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އާ އަމުރުތަކެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އިސްރާއީލުން ދަނީ ގައްޒާގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް އިތުރުކުރަމުންނެވެ. އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާރާ (އޯޗާ) އިން ބުނި ގޮތުގައި، އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް އިތުރުވުމާއި، މީހުން ދިރިއުޅޭ ތަންތަން ދޫކޮށް ދިއުމަށް އަންގަމުންދާތީ، އާންމުންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އޯޗާއިން ފާހަގަކުރި ގޮތުގައި، ގައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫން އަވަށުން މީހުން ފޭބުމަށް އިސްރާއީލުން އެންގުމާ ގުޅިގެން، 30 އަށްވުރެ ގިނަ އާއިލާ ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި ކައްކާ ގޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން، ކާތަކެތި ތައްޔާރުކުރުމަށް އާންމުންނަށް ޖެހިފައިވަނީ ކުނި އަންދާށެވެ.
އަނެއްކޮޅުން، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ މީހުންގެ އަމާޒަކީ އިސްރާއީލުގެ ސިފައިންނަށް ނުރައްކާ ކުރިމަތިކުރުވާ ހަމާސްގެ ކޮމާންޑަރުންނާއި ހަނގުރާމަވެރިންނެވެ. އަދި ހަމަލާތައް ދިނުމުގައި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ނަމަވެސް، ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ (ވަފާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުތުރު ގައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ އަލްޔަމަން އަލްސައީދު ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާއެއްގައިވެސް ދެ މީހަކު މަރުވެ، 16 މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހަމަލާތަކާއި އަމުރުތަކުގެ ސަބަބުން، ރައްކާތެރިކަމެއް ނެތް ވަގުތީ ހިޔާތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާއިރު، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް