ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ފެހިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން 3،100 އަށްވުރެ ގިނަ ގަސް އެ ސަރަހައްދުގައި އިންދައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ އެ ގަސް އިންދުމުގެ އެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އިންފްރާސްޓްރަކްޗާ. ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ހަރަކާތުގައި ކްލައިމެޓް ޗޭންޖު، އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފު، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ހެލްތު މިނިސްޓަރު ގީލާ އަކީ، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު، އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ރައީސް އޮފީހުގެ ސްތްރޭޖެޓިކް ކޮމިއުނިކޭޝަން އިބްރާހިލް ހަލީލް، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން ރައީސް އޮފީސް، ބީއެމްއެލް، އެމްޓީސީސީ އަދި އެޗްޑީސީގެ އިސްވެރިން ވަނީ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައިކަމަށް އެމްޓީސީސީން ބުންޏެވެ.
"މީގެ ކުރިން މާލޭ އުތުރުފަރާތު ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށްވެސް އެމްޓީސީސީންވަނީ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިއާއެކު، މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3،100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ" އެމްޓީސީސީން ބުންޏެވެ.
އެ ސަރަހައްދުގައި އިންދާފައިވަނީ ދިވެހި ރުއްތަކާއި، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އިތުރުން ރީތި މާގަސްތައްކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނި ގޮތުގައި މިއީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު ފެހިކޮށް، ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތު ބައެކެވެ.
ބޮޑުތަކުރުފާނުގެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިއަދު ހަވީރު 4 ޖަހާއިރު، މަގުގެ ތަރައްގީކޮށް ނިމިފައިވާ ބައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް