(17 ޖުލައިގެ އަދަދާ ގުޅޭ)

ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު ރަންބީރު عبدالواحد އާ ސުވާލު ކުރެއްވިއެވެ. "މަނިކުފާނު ވަޑައިގަންނަވާން ތިޔަ އުޅުއްވަނީ ކޮން މަޢުރިކާއަކަށްތޯއެވެ؟"

"މަނިކުފާނަކަށް އެނގިވަޑައެއްނުގެންނެވިތޯއެވެ؟" عبدالواحد ޖަވާބު ދެއްވިއެވެ.

"މަނިކުފާނުގެ މަޠުލަބަކީ މަނިކުފާނު ...؟"

"އާދޭހެވެ!" عبدالواحد ރަންބީރުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދަނީ މަނިކުފާނުގެ ރަށަށެވެ."

ރަންބީރުގެ އެނބުރިވަޑައިގަތުން

ގެރިބަކަރި ހުއިހައްޕާ މީހުން އިރު އެރުމާ އެކު އެމީހުންގެ ބަކަރިތައް ދޫ ކޮށްލައިފައި ރަށާ ދިމާޔަށް ދުވާން ފަށައިފިއެވެ. ދަނޑުވެރީން ވެސް އެމީހުންގެ ހަލް ދޫ ކޮށްލައިފައި، އެނބުރި ދުއްވައިގަތީ ރަށާ ދިމާޔަށެވެ. ޖަންގައްޔާ ވީ ފަރާތުން ލަޝްކަރެއް އަންނަކަމުގެ ޚަބަރު ލިބުމާ ވިދިގެންނެވެ. އިރުކޮޅެއް ވީތަނާ ރަންބީރާއި عبدالواحد ފައްސަތޭކަ އަސްވާރުން ގޮވައިގެން ރަށަށް އަރައިވަޑައިގެންފިއެވެ. ޖޭކްރިޝަންގެ ސިފައިންނަށް ހަނގުރާމަ ކުރުމަށް ވުރެ ރަނގަޅު ކަމުގައި ފެނުނީ ފިލައިގެން ދިޔުމެވެ. ރަންބީރު އެންމެ ލޭތިއްކެއް ވެސް ބިންމައްޗަށް ވައްޓަވައިނުލައްވައި އޭނާގެ ރަށް ހިއްޕަވައިފިއެވެ. ރަށުގެ ގެރިބަކަރި ހުއިހައްޕާ މީހުންނާއި ދަނޑުވެރީންގެ ބައެއް މީހުން ތިބީ ބިރުން ގޭގޭގެ ދޮރުތައް ލައްޕައިގެންނެވެ. ބައެއް މީހުން އެކި ދިމަދިމާޔަށް ފިލައިގެން ހިނގައްޖެއެވެ. ސިފައިންގެ މީހުން ރަށުގެ މީސްކޮޅެއް ވަށައިލައިގެން ލަވަމުން ރަންބީރުގެ އަރިހަށް ގެނެސްފިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ރަންބީރު ފެނުމާ އެކު އެއީ ކާކުކަން އެނގިއްޖެއެވެ. ރަންބީރު އެބައިމީހުންގެ ހިތް ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަހަރެންގެ މަގުސަދަކީ ޖޭކްރިޝަންގެ އަނިޔާވެރިކަމުން ތިޔަބައިމީހުން ސަލާމަތް ކޮށްދިނުމެވެ. ތިޔަބައިމީހުން ދާށެވެ. އެހެން މީހުން ވެސް ފިލާން ދުވުން ހުއްޓުވާށެވެ."

ރަންބީރުގެ ލަޝްކަރު ދެން މިސްރާބު ޖެހީ ގަނޑުވަރާ ދިމާޔަށެވެ. سلطان محمود غزنوی ގެ ލަޝްކަރެއް އައި ޚަބަރު ލިބުމާ އެކު ގަނޑުވަރުގެ ފާރަވެރީން ކުރެ ގިނަ މީހުން ވެސް ފިލައިރައްކައު ވެއްޖެއެވެ. މަދު މީސްކޮޅެއް ދޮރުމަތީގައި ފާރަޔަށް ތިއްބެވެ. ނަމަވެސް ރަންބީރުގެ ލަޝްކަރު ބޭރުފާރު ހުރަސް ކޮށް އެތެރެޔަށް ވަނުމުން ހަތިޔާރު ބަހައްޓައިފިއެވެ. ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތްކަން ވިސްނިގެންނެވެ. عبدالواحد ސިފައިންގެ މީހުންނަށް ބޭރުގައި މަޑު ކޮށްލާން އަންގަވައިފައި ރަންބީރާއި ރާމްނާތާއި ބައެއް އޮފިސަރުންނާ އެކު ގަނޑުވަރަށް ވަދެވަޑައިގެންފިއެވެ. އޭނާ ބިރުން ތިބި ފާރަވެރީންގެ ހިތް ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "ހަތިޔާރު ބެހެއްޓުމަށް ފަހު ތިޔަބައިމީހުން ތިޔަ ތިބީ އަހަރެމެންގެ ޙިމާޔަތުގެ ދަށުގައެވެ. ތިޔަބައިމީހުންނަށް އެއްވެސް ގޯނާއެއް ކޮށް ހަރުކަށިކަމެއް ނުދެއްކޭނެކަމަށް އަހަރެން ވަޢުދު ވަމެވެ. އަހަރެމެންގެ ބޭނުމަކީ ހަމައެކަނި ތިޔަބައިމީހުންގެ އަމީރު ހޯދުމެވެ. އޭނާ ވަޑައިގެންވީ ކޮން ތަނަކު ހެއްޔެވެ؟"

"އަމީރު މި ވަގުތު ރަށަކު ނުއުޅުއްވައެވެ. އޭނާ ވީ މި ރަށާ އަށެއްކަ ކޯހުގެ ދުރުގައި އޮތް ރަށަކަށް ވަޑައިގެންނެވެ."

عبدالواحد ރަންބީރާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ."

ރަންބީރު ފާރަވެރީންނާ ސުވާލު ކުރެއްވިއެވެ. "ގަނޑުވަރުގެ ތެރޭގައި ތިބީ ކިތައް މީހުން ހެއްޔެވެ؟"

"އަމީރުގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ފިޔަވައި އެތެރޭގައި ދެން ތިބީ ހަމައެކަނި އަންހެން ދެ ނޯކަރުންނެވެ."

"އަޅުގަނޑު ހަމަ މިހާރު އެބަ އަންނަމެވެ." ރަންބީރު މިހެން ވިދާޅުވެފައި، ގަނޑުވަރުގެ މީހުން ދިރިއުޅޭ ބަޔާ ދިމާޔަށް ދުވެވަޑައިގެންފައި ވަޑައިގެންފިއެވެ. عبدالواحد، ރާމްނާތަށާއި ސިފައިންގެ ތިން އޮފިސަރަކަށް އަތްޕުޅުން އިޝާރާތް ކުރައްވައިފައި ރަންބީރުގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ.

ތިރީބުރީގެ ހުރިހައި ކޮޓަރިކޮޅުތަކެއް ހުރީ ހުހަށެވެ. މަތީބުރިޔަށް އަރާން ހުރި ސިޑީގެ ދޮރު ހުރީ ބަންދު ކޮށްފައެވެ. ރަންބީރު ދޮރުގައި ތަޅުއްވައިފައި އެތައް ފަހަރަކު ދޮރު ހުޅުވާން ވިދާޅުވެއްޖެއެވެ. ނަމަވެސް އެތެރެއަކުން ޚަބަރެއް ނުވިއެވެ. ރަންބީރު އޭނާގެ އެކުވެރީންނަށް ދޮރު ހަލާކު ކޮށްލާން އަންގަވައިފިއެވެ. ހަތަރު މީހަކު ވެގެން ބާރަށް ކޮއްޕައިލުމުން، ދޮރުފަތުގެ އެތެރޭގެ ތަންޑު ހަލާކު ވެގެން ދޮރުފަތް ހުޅުވިއްޖެއެވެ. ރަންބީރު އަނެއްކާވެސް ދުވެވަޑައިގެންފައި ވަޑައިގެން ސިޑީން އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. عبدالواحد އާއި ރާމްނާތާއި ތިން އޮފިސަރުން ވެސް އޭނާގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ. މަތީބުރީގެ އެއް ކަނެއްގައި ހުރި ކޮޓަރިއެއްގެ ދޮރު ހުރީ އެތެރެއިން ތަޅު ލައިފައެވެ. ރަންބީރު ދޮރުގައި ވަރަށް ބާރަށް ތަޅުއްވައިގެންފައި ވިދާޅުވިއެވެ. "ދޮރު ހުޅުއްވާށެވެ! އެހެން ނޫނީ އަޅުގަނޑުމެން ދޮރު ހަލާކު ކޮށްލާނޫއެވެ!"

ކުއްލިޔަކަށް އެތެރެއިން އަންހެނުންތަކެއް ރޮއި ހަޅޭއްލަވާ އަޑު އިވިއްޖެއެވެ. އަންހެނަކު ވަރަށް ބާރަށް ހަޅޭއްލަވައިގެންފިއެވެ. "ނިރުމަލާއެވެ! ތިޔަ ކުރަނީ ކީއްހެއްޔެވެ؟ ކަލާކޮށްޓަކައެވެ. ތިޔަހެން ނުހަދާށެވެ. އޭނާ ހިފަހައްޓާށެވެ. ކަލޭމެން ބަލާން ތިޔަ ތިބީ ކޮން އެއްޗެއް ހެއްޔެވެ؟"

"ނޫނެކެވެ. ނޫނެކެވެ." އެހެން އަންހެނެއްގެ އަޑު އިވުނެވެ. "އެބައިމީހުންނަށް އަތު ވާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑެވެ. އަހަރެން ދޫ ކޮށްލާށެވެ. އަހަރެން މަރު ވިޔަދޭށެވެ."

"ނިރުމަލާއެވެ! މޮޔަ ވެގެން ނުއުޅޭށެވެ. ކަލާކޮށްޓަކައި ތިޔަހެން ނުހަދާށެވެ."

ރަންބީރުގެ އަރިހުގައި ތިބި ސިފައިން އޭނާގެ އިޝާރާތަކަށް ދޮރު ހަލާކު ކޮށްލައިފިއެވެ. ރަންބީރު ދުވެވަޑައިގެން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އޭނާއަށް އަންހެނުންތައް ރޮއި ހަޅޭއްލަވާ ސަބަބު އޮޅުން ފިލައިވަޑައިގަންނަވާކަށެއް އުނދަގޫފުޅެއް ނުވިއެވެ. ޒުވާން އަންހެން ކުއްޖަކު ކުޑަދޮރުން ބޭރަށް ފުންމައިލާން އުޅެނީއެވެ. ތިން އަންހެނަކު އޭނާގެ ދެ އަތުގައި ހިފައި އެތެރެޔަށް ދަމައިގަނެވޭތޯ އުޅެއެވެ. ރަންބީރު އެތެރެޔަށް ވެދެވަޑައިގެންނެވިތަނާ އަންހެން ކުއްޖާ އޭނާގެ އެއް އަތް ސަލާމަތް ކޮށްފިއެވެ. އޭނާ އަނެއް އަތް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ރަންބީރު ވަޑައިގެން އެ ކުއްޖާގެ ދެ މުލައްދަނޑީގައި ހިއްޕަވައިފައި އެތެރެޔަށް ދަންމަވައިގެންފިއެވެ. އަންހެން ވެރީންގެ ހަޅޭއްލެވުން ކުއްލިޔަކަށް ހުއްޓިއްޖެއެވެ. އަންހެން ކުއްޖާ ސަލާމަތް ވެވޭތޯ އިރުކޮޅަކު މަސައްކަތް ކުރުމަށް ފަހު ރަންބީރުގެ ވަރުގަދަ އަތްޕުޅުގެ ތެރޭގައި ހަމަހިމޭން ވެއްޖެއެވެ.

ރަންބީރު ވިދާޅުވިއެވެ. "ކޮންމެ އިންސާނަކީ ޖޭކްރިޝަނެއްކަމުގެ ކުށް ވިސްނުންފުޅުން ކަލާ ވިސްނައިވަޑައިނުގަންނަވާށެވެ. މި ގޭގެ ހަތަރު ފާރުގެ ތެރެޔަކު އަންހެނަކަށް އެއްވެސް ނުރައްކަލެއް ނެތެވެ."

އަންހެން ކުއްޖާ އިސް އުފުލައިލައިފިއެވެ. އޭނާގެ ކަޅި ރަންބީރުގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. "ކަލާ!" އޭނާ ރޮވިފައި ވާ އަޑަކުން ދެންނެވިއެވެ. "ރަންބީރު!"

"އާދޭހެވެ!" ރަންބީރު އެ ކުއްޖާ ދޫ ކޮށްލައްވަމުން ވިދާޅުވިއެވެ.

ޢުމުރުން ދުވަސް ވެފައި ހުރި އަންހެން މީހާ ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "ކަލާކޮށްޓަކައެވެ. އަޅުގަނޑުމެންނަށް މަޢާފު ކުރައްވާށެވެ. އަޅުގަނޑުގެ ކަނބުލޮ މަނިކުފާނަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. މަނިކުފާނަށް އަޅުގަނޑުމެންނަށް މަޢާފު ނުދެއްވޭނެ ކަމުގައި ވާނަމަ މަނިކުފާނުގެ އަތްޕުޅުން އަޅުގަނޑުމެން މަރުއްވައިލައްވާށެވެ. އަޅުގަނޑުމެން ހިލޭ ބަޔަކާ ޙަވާލު ނުކުރައްވާށެވެ."

"ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ އަޅުގަނޑުގެ ޙިމާޔަތުގައެވެ. ތިޔަ ބޭފުޅުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް އަޅުގަނޑު ވަޢުދު ވަމެވެ. ތިޔަ ދެމައިކަނބަލުންގެ އަމުރުފުޅު ލިބިގެން މެނުވީ މި ގޭގެ މި ބަޔަކަށް އެއްވެސް މީހަކު ނުވަންނާނެއެވެ." ރަންބީރު މިހެން ވިދާޅުވެފައި ކޮޓަރީން ނުކުމެވަޑައިގެންފިއެވެ.

+ + + +

ރުހަތުގެ ހަނގުރާމައިން ތަރުލޯޗަންޕާލް ބަލި ވި ޚަބަރާއި سلطان محمود غزنوی ގުނޫޖާ ދިމާޔަށް ވަޑައިގަންނަވާ ޚަބަރު ވަނީ އިންޑިއާގެ ހަތަރު ބިތަށް ފެތުރި މަޝްހޫރު ވެފައެވެ. އެ ހިސާބުގަނޑުގެ ހުރިހައި އަމީރުންނާއި ޕަރައުހަތުން ވަނީ ޖޭކްރިޝަންގެ ރަށުގެ ދެކުނުން އަށެއްކަ ކޯހުގެ ދުރުގައި އޮތް ރަށަކަށް އެއް ވެވަޑައިގެންފައެވެ. އެ ބޭފުޅުން އަމިއްލަފުޅު ސަލާމަތާއި ރަސްގެފާނަށް އެހީ ފޮނުއްވުމާ މެދު ބަހުސް ކުރައްވަނީއެވެ.

އަމީރުންގެ މި ޖަލްސާ އޮތީ ވަރަށް ބޮޑު ރީތި ފައްޅިއެއްގެ ކުރިމަތީގައި އޮތް ހާމަ މައިދާނެއްގައެވެ. ޕަރައުހަތު ބާރު އަޅުއްވަނީ ކޮންމެ އަމީރަކު ވެސް އެ ބޭފުޅެއްގެ ލަޝްކަރު ތިން ބަޔަށް ބައްސަވައިފައި އެއްބައި އެ ބޭފުޅެއްގެ ސަރަޙައްދު ޙިމާޔަތް ކުރާން ބައިތިއްބަވާށެވެ. އެއްބައި ފައްޅީގެ ޙިމާޔަތަށް ފޮނުއްވާށެވެ. ދެން ތިބި ސިފައިންގެ ފައުޖެއް ރަސްގެފާނުގެ އަރިހަށް އަވަހަށް ފޮނުއްވާށެވެ.

ޖޭކްރިޝަން އެގޮތާ ދެކޮޅު ހައްދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑުމެންގެ ބާރު ބައިބައިކޮށް ވިއްސިވިހާލި ކޮށްގެނެއް ކަމަކު ނުދާނެއެވެ. އަޅުގަނޑުމެން ހަދާން ވީ ގޮތަކީ ސިފައިންގެ ތިންބައިކުޅަ އެއްބައި ރަސްގެފާނުގެ އަރިހަށް އަވަހަށް ފޮނުވާން ވީއެވެ. ދެން ތިބި ހުރިހައި ސިފައިން ފޮނުވާންވީ އުތުރު ސަރަޙައްދު ޙިމާޔަތް ކުރާށެވެ. ސަރަޙައްދު ސަލާމަތުން އޮވެއްޖެ ކަމުގައި ވާނަމަ މި ފައްޅި އާއި އަޅުގަނޑުމެންގެ އަވަށްތަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ. ދުޝްމަނުންގެ ގެމަތަކެއް ސަރަޙައްދު ހުރަސް ކޮށްފައި މި ދިމާޔަށް އަތުވެއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ސިފައިން އެތައް ބަޔަކަށް ބެހިފައި ތިބެގެން އެބައިމީހުން އޮބެހެއްޓޭ ގޮތެއް ނުވާނެއެވެ. ދުޝްމަނުން އަންނާނީ އުތުރު ފަރާތުންނެވެ. އެހެންކަމުން، ހުރިހައި ބާރުތަކެއް ޖަމާ ކުރާން ވީ އެ ސަރަޙައްދަށެވެ."

(ނުނިމޭ)