ދުނިޔޭގެ އެންމެ މޮޅު ދެ ކޯޗުންގެ ތެރޭގައި ހިމެނޭ ޕެޕް ގާޑިއޯލާއާއި ކާލޯ އެންޗެލޮޓީވެސް އިޓަލީގެ ކޯޗުކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ފުޓުބޯޅަ ހާލަތު ގޯސްކޮށް އޮތް އިޓަލީން އަލުން އަނބުރާ ކުރީގެ ފެންވަރަށް ދާން މަސައްކަތް ކުރަމުންދާ އިރު، އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ވަނީ ބަދަލުތަކެއް ގެންނަން ނިންމައިފައެވެ. އެގޮތުން، ފުޓުބޯޅަ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރުކަން ޕައުލޯ މަލްޑިނީއަށް ވަނީ ހަވާލު ކޮށްފައެވެ.
ކުރީގެ މަޝްހޫރު ޑިފެންޑަރު، ލެޖެންޑް މަލްޑިނީއަށް ފުރަތަމަ މަސައްކަތެއްގެ ގޮތުގައިވެސް އިޓަލީއަށް ކޯޗުކު ހޯދަން ޖެހިފައިވާ އިރު، މަލްޑިނީ ބުނެފައި ވަނީ އެންމެ ފުރަތަމަ ފުރުސަތު ހުށަހެޅީ މިހާރު ބްރެޒިލްގެ ކޯޗު، ކާލޯ އެންޗެލޮޓީއަށް ކަމަށެވެ.
އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު، އެގައުމަށް އުފަން އެންޗެެލޮޓީ ބްރެޒިލާ ހަވާލުވެ، މިފަހަރު ވޯލްޑް ކަޕަށްވެސް އެގައުމާއެކު ނުކުތީ އެންޗެލޮޓީއެވެ. ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު، އެންޗެލޮޓީއަށް އިޓަލީގެ ހުށަހެޅުން ހުށަހެޅި ނަމަވެސް، އޭނާ އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް މަލްޑިނީ ބުނެފައިވެއެވެ.
އެންޗެލޮޓީގެ އެ ޖަވާބާއެކު އިޓަލީން ދެން މަސައްކަތް ކުރީ ގާޑިއޯލާ ގެންދިޔުމަށެވެ. އެހެންނަމަވެސް ގާޑިއޯލާ ނިންމާފައި ވަނީ ކުރިން ނިންމި ގޮތަށް، ފުޓުބޯޅަ ކޯޗުކަމުން ޗުއްޓީއެއް ނެގުމަށެވެ.
ހަބަރުތައް ބުނީ ގާޑިއޯލާއަށް އިޓަލީން ކޯޗުކަން ހުށަހެޅީ އޭނާއަށް އެކަށޭނެ މުސާރައަކަށް އޮނިގަނޑު ބަދަލުކޮށްގެން ކަމަށެވެ. އަދި އެކަމަށް ގާޑިއޯލާ ޝައުގުވެރިވި ނަމަވެސް، ފަހުން ނިންމުން ނިންމީ އަލުން ކޯޗުކަމަށް ނުނުކުންނަން ކަމަށް ނޫސްތައް ބުނެއެވެ.
ގާޑިއޯލާ، މިދިޔަ 10 އަހަރު ސިޓީގައި ހޭދަކުރުމަށްފަހު، މަގާމުން ދުރަށް ޖެހިލީ އެ ކްލަބާއެކު ހުރިިހާ ކާމިޔާބީއެއް ހޯދުމަށްފަހުއެވެ. ގާޑިއޯލާ ވަނީ އޭގެ ކުރިން ބަޔާން މިއުނިކާއި ބާސެލޯނާއާއެކު ކާމިޔާބީތައް ހޯދައިފައެވެ.
އިޓަލީން އެންމެފަހުން ތިން ވޯލްޑް ކަޕަށްވެސް ކޮލިފައިވެފައި ނުވާ އިރު، އެގައުމުން ދަނީ އެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އިޓަލީއަކީ މީގެ ކުރިން ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި އޮތް ގައުމެކެވެ. އެންމެފަހުން ހޯދި ކާމިޔާބީއަކީ ޔޫރޯ 2020 ގެ ޗެމްޕިއަންކަމެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް