ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަހްމާން ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދައުވަތުފުޅު ގަބޫލު ކުރައްވައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މިމަހުގެ 27 ގެ ނިޔަލަށް އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ހަލީލުއްރަހްމާންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި ދެ ގައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ހިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ގައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅަކީ ހަލީލުއްރަހްމާން، 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.