ހަތަރު ބޭފުޅަކަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފިއެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު އެރުވި ފަރާތްތައް:
- ޑރ. މުހައްމަދު ލަތީފް
- އިބްރާހިމް ރަޝީދު މޫސާ
- ޗަމްޕާ ހުސެން އަފީފް
- ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ޑރ. މުހައްމަދު ލަތީފް
ޑރ. މުހައްމަދު ލަތީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއަށް ޑރ. ލަތީފް ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތެއް ވަނީ ކުރައްވައިފައެވެ.
ޑރ. ލަތީފް ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އެމަނިކުފާނު ވަނީ 22 އަހަރަށްވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވައިފައެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވާލައްވައި ޓީޗަރުން ތަމްރީނު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.
ރާއްޖޭގައި ސާނަވީ ތައުލީމް އަދި މަތީ ތައުލީމް ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. ރާއްޖޭގައި އުފެއްދެވި ފުރަތަމަ ކޮލެޖް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ޑރ ލަތީފް ވަނީ ކުރައްވައިފައެވެ.
އޭގެއިތުރުން ރާއްޖޭގެ ހާރިޖީ ދާއިރާގައިވެސް އޭނާ ވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަން ވެސް ފާހަގަކޮށްލެވެއެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކަށް ޑރ. ލަތީފް ވާނެއެވެ.
އަދި ރާއްޖޭގައި ސިވިލް ސާވިސް ކޮމިޝަން އުފައްދަވައި އޭގެ ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކުރައްވައިފައެވެ.
އިބްރާހިމް ރަޝީދު މޫސާ
އިބްރާހިމް ރަޝީދު ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ. ރާއްޖޭގައި އިސްލާމް ދީނުގެ އިލްމާއި މައުލޫމާތު ފެތުރުމަށާއި އަރަބި އިސްލާމީ ތައުލީމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް ގިނަ ރޮނގުތަކުން އޭނާ ގެންދަވަނީ ރާއްޖެއަށް ހިދުމަތް ކުރައްވަމުންނެވެ.
މިސްރުގެ އަލްޖާމިއުލް އަޒްހަރުން ތައުލީމް ހާސިލްކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު މަޖީދިއްޔާ ސްކޫލްގައި ހިސާބު ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އޭނާއަކީ ހިސާބު އިލްމުގެ ދާއިރާއިން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މައުހަދު އުފެއްދެވުމާއެކު އެތަނުގެ ހިންގުމާ ހަވާލުވެވަޑައިގެން އެތައް ހިދުމަތްތަކެއްވަނީ ކޮށްދެއްވައިފައެވެ.
އިމާމުންނާއި ހަތީބުން އަދި ގާނޫނީ ވަކީލުން އުފެއްދެވުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އޭގެ އިތުރުން ދީނީ ގިނަ ފޮތްތަކެއް ވެސް ޝާއިއުކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން ފޮތްތައް ތަރުޖަމާކުރެއްވުމާއި ތަސްނީފު ކުރައްވާފައިވެއެވެ. އޭގެއިތުރުން "މުހައްމަދު ރަސޫލުﷲ" ޕްރޮގްރާމް ދިވެހި ބަހަށް ތަރުޖަމާކުރައްވައި ދިވެހި ވެއްޓާ ގުޅޭގޮތަށް ބަސްތައް އަތުރާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އިބްރާހިމް ރަޝީދުކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު އެކި ފަހަރުމަތިން ސަރުކާރުން ވަނީ ވަޒަން ކުރައްވައިފައެވެ. އެގޮތުން 1983 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގުން 1985 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމް ވަނީ ދެއްވައިފައެވެ. އަދި ދިވެހި އަދަބިއްޔާތަށް ހިދުމަތްކުުރުމުގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 2004 ވަނަ އަހަރު ވަނީ އަރުވައިފައެވެ.
އަދި އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރެއްވުމާއި އެ ދާއިރާއިން 2015 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ވެސް ވަނީ އަރުވައިފައެވެ.
ނިޝާނުގެ އިއްޒަތަކީ އެ އިއްޒަތް އެރުވޭ ފަރާތުގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގުވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހަރަދުންނަށެވެ.
ޗަމްޕާ ހުސެން އަފީފް
ޗަމްޕާ ހުސެން އަފީފަކީ ފަތުރުވެރިކަމުގެ ދާއިރާގައާއި އިގުތިސޯދީ ދާއިރާއިން އަދި އިޖުތިމާއީ ދާއިރާއިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. އޭނާއަށް މީގެކުރިން ވަނީ ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް މީގެ ކުރިން އަރުވައިފައެވެ.
ޗަމްޕާ ހުސެން އަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރެއްވި އެއް ބާނީ އަދި އެއް މޭސްތިރިވެސްމެއެވެ. އެންމެ ފުރަތަމަ ފަތުރުވެރިކަން ރާއްޖޭގައި ފެށިގެން އައިއިރު ރިސޯޓުގެ ބަދިގޭގަ އާއި ޓުއާ ގްރޫޕްފަދަ މަސައްކަތްތަކުގައިވެސް އަފީފް ވަނީ މަސައްކަތް ކުރައްވައިފައެވެ.
އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް އަފީފް ވަނީ ކުރައްވައިފައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ސޯލާ ރިސޯޓު ވެސް އުފެއްދެވީ އަފީފްއެވެ. އޭގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އިންޑްސްޓްރީ (މަޓީ) އުފައްދެވި އެ އެސޯސިއޭޝަންގެ ފައުންޑިން މެންބަރުވެސްމެއެވެ. މަޓީގެ ޗެއާމަން އަދި ވައިސް ޗެއާމަން ފަދަ މަގާމުތައް ވެސް އަފީފް ވަނީ ފުރުއްވައިފައެވެ.
ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ފަތުރުވެރިކަމުގެ ދާއިރާގަ އާއި ވިޔަފާރީގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މުހައްމަދު މޫސާއަށް މީގެކުރިން ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ވެސް އަރުވާފައިވެއެވެ. މުހައްމަދު މޫސާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭން ބޭރުން ވަޔަލެސް އޮޕަރޭޓަރުކަމުގެ ތަމްރީނު ފުރިހަމަކުރައްވައި ރާއްޖެ ވަޑައިގެން އެތައް ބަޔަކު ތަމްރީނު ކުރެއްވިއެވެ. އަދި ސައިބޯނި އުފައްދަވައި އޭގެ ވިޔަފާރިވެސް ފުޅާ ދާއިރާގައި ކުރެއްވިއެވެ. ރާއްޖޭގައި އަމިއްލަ ރޭޑިއޯ އަދި ޓީވީ ސްޓޭޝަނެއް ވެސް ވަނީ ހިންގަވައިފައެވެ.
އަދި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައި އެތައް ބަޔަކު އެ ދާއިރާއިން ތަމްރީނު ވެސް ކުރެއްވިއެވެ. އަދި ހެޔޮ އަގުގައި އެ ތަކެތި ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވައިދެއްވިއެވެ. އަދި ސަރުކާރުގެ އެގްރިކަލްޗާ ބޯޑުގެ އެޑްވައިޒަރީގެ މަގާމްވެސް ވަނީ އަދާކުރައްވައިފައެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވައި އަދި ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރެއްވި އިރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގޯލްޑް އެވޯޑް ވަނީ ހާސިލްކުރައްވައިފައެވެ. އަދި 2024ވަނަ އަހަރު ސާޓާގެ ފޭސް އޮފް ސައުތު އޭޝިއާ އެވޯޑްވެސް ވަނީ ހާސިލްކުރައްވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް