ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވަނީ ޑރ. މުހައްމަދު ލަތީފާއި އިބްރާހިމް ރަޝީދު މޫސާއާއި ޗަމްޕާ ހުސެން އަފީގެ އިތުރުން ފްޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށެވެ.

އެ ޖަލްސާގައި ރައީސް ވަނީ ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުން ގައުމަށްޓަކައި އަދާކުރެއްވި އިހްލާސްތެރި ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ބޭފުޅުންގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ

އެ މަނިކުފާނު ވަނީ އެ ހަތަރު ބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވައި މަރުހަބާ ދަންނަވައިފައެވެ.

"ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގެންނެވި އިއްޒަތްތެރި ޝަރަފުވެރި ހަތަރު ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހިދުމަތްތެރި ޝަރަފުވެރި ހަތަރު ބޭފުޅުން މި ގައުމަށްޓަކައި ކޮށްދެއްވި އިހްލާސްތެރި މަސައްކަތްޕުޅަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވައި މަރުހަބާ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ އެކި މަގާމުތަކުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި އަދި އެކި ދާއިރާތަކުން އިނާމު ހާސިލުކުރެއްވި އެންމެހާ ބޭފުޅުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ގައުމީ ތަރައްގީއަށާއި ރައްޔިތުންނަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް އެ ބޭފުޅުން ކުރައްވާފައިވާކަން ފާހަގަކުރައްވައި، އެފަދަ ހިދުމަތްތެރިންގެ ބުރަ މަސައްކަތަކީ ދިވެހި ގައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ އިއްޒަތްތެރިންނާއި ހިދުމަތްތެރިންގެ އަގު ވަޒަންކުރުމަކީ މި ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ގައުމަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަދަ ބޭފުޅުންގެ ނަމޫނާ ޖީލުތަކަށް އަންގައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.