ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި އިޒްރޭލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމަކާއެކު ގާތް ހާރިޖީ ގުޅުން ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަކީ ހަމައެކަނި ސިޔާސީ މިނިވަންކަމެއް ނޫން ކަމަށާއި އެއީ ހާރިޖީ، ދާލިހީ، އިގުތިސޯދީ، އިޖުތިމާއީ، އަދި ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގުޅިލާމެހިފައިވާ ފުން މާނައެއް އޮތް ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ބައްޓަންކޮށްފައިވަނީ ދިވެހީންނަށް އިސްކަންދީ، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުމުގެ އަމާޒުގައި ކަމަށެވެ.
މި ސަރުކާރުގެ "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ" ގެ ދަށުން، އެހެން ގައުމުތަކުގެ ނުފޫޒުން އެއްކިބާވެ، ރާއްޖޭގެ މިނިވަންކަން ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ފައިދާ ކުރާ ކަންކަމުގައި އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމުތަކާއެކު ރާއްޖެއިން ގުޅުން ބަދަހިކުރާނެ ކަމަށެވެ.
"މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީގެ ދަށުން އަޅުގަނޑުމެން ގުޅުން އޮންނާނެ މުޅި ދުނިޔޭގެ ހަމަ ހުރިހާ ގައުމަކާ އިޒްރޭލު ފިޔަވައި. ސަބަބަކަށްވަނީ އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދު. ފަލަސްތީނުގެ ރައްޔިތުންނަށް އެކުރާ އަނިޔާ އެ ޖެނޮސައިޑް އަޅުގަނޑުމެން ދިވެހީން ގަބޫލެއް ނުކުރޭ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ހުއްޓުމަކަށް ނާންނަހާ ހިނދަކު ސަރުކާރުގެ ސިޔާސަތު ބަދަލުނުވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މީގެ އިތުރުން މި ވެރިކަމުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައި އޮތް އޮތުން އެ ގޮތުގައި ދަމަހައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް