އެމްޑީޕީގެ ވެރިކަމުގައި އޮތީ އިސްލާމީ ގައުމުތަކާ ދުރު ސިޔާސަތެއް ކަމަށާއި އެޕާޓީގެ ވެރިކަމުގައި އޮތީ އިޒްރޭލް ޕްރޯ ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ވިސްނުމާ މުޅިން ހިލާފު، އިޒްރޭލަށް ފަހި ހާރިޖީ ސިޔާސަތެއް ކަމަށެވެ.

އެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ، ދިވެހިންގެ ސަގާފަތާއި އަގީދާއާ ބީރައްޓެހި ހާރިޖީ ސިޔާސަތެއް ތަންފީޒު ކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މީގެ ކުރީގައި އެމްޑީޕީގެ ވެރިކަން މިތާނގައި ހިނގި ކޮންމެ ފަހަރެއްގައި އޮތީ އޭގެ ދިމާ އިނދިކޮޅު. މި ހަގީގަތް ފެންނަން އޮތް. ޕްރޯ އިޒްރޭލު ފޮރިން ޕޮޮލިސީއެއް މިތާ ތަންފީޒު ކުރި. އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތީ. މީކީ ދިވެހިންނަށް ދޯޅު ގޮތެއް ނޫން. ދިވެހިންނާ ބީރަށްޓެހި ހާރިޖީ ސިޔާސަތެއް އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން އަބަދުވެސް އިސްކަންދެނީ އަރަބި އަދި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކުރަނީ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، ދުނިޔޭގެ އެކި ގައުމުތަކާ އެކު އޮންނަ ގުޅުންތައް ދެމެހެއްޓުމުގައި ދިވެހިންގެ އަގީދާއާއި ގަބޫލުކުރާ ހަމަތަކަށް އިސްކަންދީގެން "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ" އެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.