މި ސަރުކާރުގެ ސިޔާސަތަކީ ކޮމަންވެލްތުގައި ވެސް އިސް ދައުރެއް އަދާކޮށް ކޮމަންވެލްތުގައި ދައުރު ފުޅާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ ހިޔާލުތަފާތުވުންތައް އެއްކަހެރިކޮށް، މަޝްވަރާގެ ރޫހުގައި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮމަންވެލްތުން ވަރަށް ރުންކުރު ގޮތެއްގައި ރާއްޖެ ވަކިކުރި ދުވަސްވަރެއް ދިޔަ ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ކޮމަންވެލްތުގައި އިސް ދައުރެއް އަދާކުރުން ކަމަށެވެ.

"އެއް ޒަމާނެއް ދިޔަ ވަރަށް ރުންކުރުގޮތެއްގައި ރާއްޖެއިން ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްވެސް ބެލުމެއް ނެތި. މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ރާއްޖެއަކީ ކޮމަންވެލްތުގައިވެސް ލީޑު ރޯލެއް ނުވަތަ އިސް ދައުރެއް އަދާކުރުން" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކޮށް، ގައުމުތަކާއެކު އެކުވެރިކަމާއެކު ކުރިއަށްދާން ބޭނުންވާ ގައުމެއްކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ އާއިލާއާއެކު ދެމިއޮވެ، އެ ޖަމިއްޔާގެ ތެރެއިން ރާއްޖެއަށް ލިބެންހުރި ފައިދާތައް ހާސިލްކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް އުފެއްދި ސާކް (ސާކް) ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށާއި އެ ޖަމިއްޔާ އަލުން އޮޕަރޭޝަނަލްކޮށް ހަރަކާތްތެރިވުމަކީ ސަރަހައްދީ ސުލްހަ އާއި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ބޭނުންވާ މަޝްވަރާތައް ފެށުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރަން ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީ (އޯއައިސީ) ގައި ރާއްޖެއިން އަދާކުރަމުން އަންނަ އެކްޓިވް ދައުރަށް އަލިއަޅުވާލައްވަމުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެ ޖަމިއްޔާގެ އެންމެ މަތީ ފެންވަރުގެ 11 ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ކަމަށާއި، ކުދި ގައުމުތަކުގެ އަޑު ބޮޑެތި ގައުމުތަކުން އަހަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކްލައިމެޓް ޖަސްޓިސް ނުވަތަ މޫސުމީ އިންސާފު ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.