ވަކިގޮތަކަށް ހުކުމް ކުރަން ނުވަތަ ސަރުކާރުން އަންގައިގެން ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމް ކުރަން އަންގާ ކަމަށް މިހާރު ނުބުނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ އުފާވެރިކަން ފާހަގަ ކުރާ މި ދަނޑިވަޅުގައި ރާއްޖޭގެ ޖުޑީޝަރީއަށް ވެސް މިނިވަންކަން ހޯއްދަވައި ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ކުރީގަ ވެއްޖެއްޔާ ރައީސް އޮފީހުން އޯޑަރުދާނީ ކޯޓުތަކަށް، އަޅުގަނޑު އެކަން ނިމުމަކަށް ގެނައިން، މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއް ނުވެވޭނެ ވިދާޅެއް ނުވެސް ވާނެ ސަރުކާރުން މިވެނި ގޮތަކަށް ހުކުމްކުރަން އަންގައިފިއްޔެކޭ، ޖުޑީޝަރީ އެވަނީ މިނިވަންކޮށްދީފައި،"

ރައީސް ވިދާޅުވީ، މިނިވަން ކަމާއެކު ޖުޑިޝަރީ އޮޕަރޭޓް ކުރަން އެންމެ ބޮޑު ހުރަހަކަށް އޮތީ ފައިސާ ކަމަށެެވެ.

އެހެންކަމުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖުޑިޝަރީގެ ބަޖެޓް ވަކިކޮށްދީ، ކުރިއަށްވުރެ ބޮޑުކޮށްދީ، ވަކިން ހަރަދު ކުރެވޭނެ ނިޒާމު ގައިމްކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ދެން ފާހަގަ ކުރެއްވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެ ވިރު، ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމެވެ.

އެންމެ ގިނަ މައްސަލަަތައް ހިގަމުންދާ ކުރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުއްޓުމަކަށް އައިސް ބޮލަށް ވެއްޓޭ ހިސާބުގައި ހުރި އިންފްރާންސްޓްރަކްޗާ ބަދަލުކޮށްދީ ތަނަވަސް ޖާގަ ބޮޑު އިމާރާތްތަކެއްގައި އެ ދެކޯޓް ހިންގާނެ ގޮތް ވާނީ ހަމަޖައްސައިދީފަ، އެގޮތުން މައްސަލަތައް ބާރު މިނުގައި ނިންމުމުގެ މިނިވަންކަން ވަނީ ހޯދައިދީފަ،"

ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރެއް އައި އިރު، އަބަދުވެސް ކުރަން ކިޔަމުން އައި، ސުޕީރިއާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް އިއްޔެ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަދާ ހަމައަށް އައި އިރު އަބަދުވެސް ކުރަން ކުރަން ކޮންމެ ސަރުކާރަކުން ވެސް ކިޔަމުން އައި ކަންތައްތައް، ކުރުމަށް އިއްޔެ 25 ޖުލައި 2026 ގައި ވާނީ އެމްޓީސީސާއެކު ސޮއިކޮށްފަ، ސުޕީރިއާ ކޯޓް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އިއްޔެ ވާނީ އެމްޓީސީސީއާ އެގްރިމެންތް ހަދައިފަ،"

ރައީސް ވިދާޅުވީ، ސުޕީރިއާ ކޯޓް ކޮމްޕްލެކްސް އެގްރީމެންޓަކީ 720 ވަރަކަށް ދުވަހުގެ އެގްރީމެންޓެއް ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި އެ މަސައްކަތް ނިމި، އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ގަލޯއީ އަހަރު، ޖުޑިޝަރީގެ މަސައްކަތް ފަށާނީ، އެ ސުޕީރިއާ ކޯޓް ކޮމްޕްލެކްސްގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޖުޑިޝަރީ އަށް ހަގީގީ މިނިވަންކަން ހޯދައި ދިނުމަކީ އެއީ ކަމަށެވެ.