ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލީހަކާއި މަޝްވަރާ މަޖިލީހެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަވާބުދާރީވެނިވި ސަރުކާރެއް އަމަލީ ގޮތުން ތަންފީޒު ކުރަމުން ގެންދަވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް އެކި އެކި ފޯރަމްތައް ބާއްވައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވަމުން ގެންދާ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި އިރާދަ ކުރެއްވިއްޔާ މިހާރަށްވުރެ މާ އޯޕަން ގޮތެއްގައި ޓައުން ހައުސް ކޮންސެޕްޓްގައި ވަޒީރުން ރައްޔިތުން ކުރިމައްޗަށް ނުކުންނަވާނެ، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޖަވާބު ދާރީވެނިވި ގޮތުގައި އަޅުގަނޑުމެންގެ ކަންކަން މި ކުރިއަށް ގެންދަނީ،"

ރައީސް ވިދާޅުވީ، ރައްޔިތުންނާ ބައްދަލު ކުރުމާއި ރައްޔިތުން އެދޭ ކަންކަންމުގައި ޖަވާބުދާރީވުމާއި ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ދިނުމަކީވެސް ގުޑް ގަވާނަންސްގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒު ކުރާނަމަ ކުރަން ޖެހޭނެ ކަންކަން ކަމަށެވެ. އެގޮތުން އެއްވެސް ސަރުކާރަކުން ރައްޔިތުންނާ ގާތުން ހިދުމަތް ނުކުރާ ވަރަށް އަދި ރައްޔިތުންނާ ބައްދަލު ނުކުރާ ވަރަށް މި ސަރުކާރުން އެކި ފަންތި ތަކުގައި ބައްދަލު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ މީގެ އިތުރުު ޕްރޮގްރާމެއް ދާދި އަވަަހަށް މި ފަށަނީ، ހަމަ އެއާއެކީގައި ސަރުކާރުގެ ނިޒާމުގެ ތެރޭގަ ހުރި އެކި ކަންކަމުގެ ޝަކުވާ ހުށަހެޅުމަށްޓަކައި ސިޓިޒަންސް ކޮމްޕެއިންސް ބިއުރޯއެއް ގާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ވެސް ނިމުމަކަށް ގެނެސް އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަސް ނިމެންވާ އިރަށް އެ ބިއުރޯ ވެސް ހުޅުވިގެންދާނެ،"

އޭގެ ނަތީޖާއަކަށް ވާނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަހަލަ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނެސް ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަކީ މުހިއްމު އެއްޗެއް ކަމަށެވެ.

އެގޮތުން މިއަދު ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ ބޭފުޅުންނަކީ އެތައް އެތައް އަހަރެއް ވަންދެން ގައުމަށާއި ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅުން ކަމަށެވެ.

"އެބޭފުޅުންގެ ހުންނާނެ ވަރަށް ގިނަ ތަޖުރިބާ، ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވޭނެ، ދެއްވަން ބޭނުންވާނެ މަޝްވަރާ، ކުރިއަށް އޮތް ތާނގަ އިރާދަކުރެއްވިއްޔާ މި ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ ކަންކަން އެބަ ކުރިއަށް ގެންދަން. މީގެ ތެރެއިން ހާއްސަ މަޝްވަރާ މަޖިލީހަކީ އިސް ރަށްވެހިންގެ ތެރެއިން ދައުލަތުގެ އިއްޒަތުގެ ޝަރަފާއި މަތިވެރި އިއްޒަތުގެ ޝަރަފާއި ދިގު މުއްދަތުގެ ޝަރަފާއި މިފަދަ އެތައް އަހަރެއްގެ ތަޖުރިބާއިން ގައުމަށް ހިދުމަތް ކުރައްވައިފައި ތިއްބެވި ބޭފުޅުންގެ ތެެރެއިން ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލެވޭ މަޝްވަރާ މަޖިލީހެއް،"

އޭގެ އިތުރުން ގައުމީ މަޖިލީހަކީ އެކިއެކި ފަންނު ތަކުގެ ތެެރެއިން ހުރިހާ ފަންނެއް ހިމެނޭހެން އެކުލަވާލާ މަޖިލީހެއް ކަމަށްވެސް ވިދާޅުވިއެވެ.

"ތައުލިމީ، ސިއްހީ، އިގުތިސޯދީ، އިޖުތިމައީ، ހާރިޖީ، މިހެންގޮސް ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް އެކި ފަންނުތަކުގައި ތިބި ފަންނުތަކުން ތަޖުރިބާ ހާސިލްކޮށްފައި ތިބި ތައުލީމާއި ތަޖުރިބާ ލިބިފައި ތިބި، އެކިއެކި ބޭފުޅުން ހިމެނޭ ގޮތަށް އުފައްދާ ގައުމީ މަޖިލީހެއް އެއީ،"

އެ މަޖިލީހުގެ ބޭނުމަކީ ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމާއި ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގެ ފުރުސަތުދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތިން މަސްތެރޭގައި ނޮވެމްބަރު މަސް އަންނަންވާއިރަށް މި ދެ މަޖިލިސް ވެސް އުފެދިގެން އައުމުގެ އުއްމީދު އެބައޮތް، އޭރުން ވަރަށް ތަޖުރިބާކާރު، ވަރަށް ފަންނީ ބޭބޭފުޅުންނަށް ގައުމުގެ ކަންކަމުގައި ނިޒާމެއްގެ ތެރެއިން ހިޔާލާއި މަޝްވަރާ ހުށަހުމުގެ ފުރުސަތު ލިބިގެންދާނެ،"