ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި ޕަސެންޓެއް ކަނޑައަޅަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެން ބޮޑު ބަޔަކަށްވާއިރު، އަދި އަންހެނުންނަކީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދަކަށް ވާއިރު، ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީ ވެސް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރާއިރު ވެސް، ހިންގުމުގެ ނިޒާމު ހަރުދަނާ ކުރާއިރު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައުލަތުގެ މިނިވަންކަން ތާ އަބަދަށް ދެމެހެއްޓުމުގައި ބައިވެރިވުން ކޮންމެހެން ބޭނުންވާ ފަރާތްތައް،"
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ މަޖިލިސް، ނޫނިއްޔާ "ޔޫތު ޕާލަމެންޓް" ގާއިމް ކުރުން ވަރަށް ޝާމިލް ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ތަފްސީލްތައް ކުރިއަށް އޮތް ތަނުގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިހާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް، ޒުވާނުންގެ މަޖިލީހެއް ގާއިމް ކުރުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ގެ ތެރޭގައި ވަކި އިންސައްތައެއް އެއީ ޒުވާނުން ކަމުގައި، އަދި ވަކި އިންސައްތައެއް އެއީ އަންހެނުންކަމުގައި ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމާއި މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި މަޖިލީހަށް ހުށަހަޅާނަން،"
ރައީސް ވިދާޅުވީ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު