ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި ގައުމެކެވެ. ހާސް އަހަރު ނުވަތަ ސާސްކަފެއްގެ މިނިވަންކްމުގެ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ. ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނީއްސުރެ ޤައުމުގައި ޤާއިމުވެފައި ހުރި ނިޒާމުތަކެއް އިންތިޒާމުތަކެއް (މުއައްސަސާތަކެއް) ވެއެވެ. 1000 އަހަރު ސާސްކަފެއްވީ ރަސްކަމެވެ. އަމީރުންނެވެ. ވަޒީރުންނެވެ.

ވީމާ، 1000 އަހަރު ސާސްކަފެއްވީ،

  • ރަސްކަން ނުވަތަ ވެރިކަން ހިންގުމުގެ ނިޒާމު
  • ޢަދުލު އިންޞާފުގެ ނިޒާމު
  • ޤައުމީ އަމަންއަމާންކަމާއި ޤައުމީ ދިފާއީ ނިޒާމު
  • ޚާރިޖީ ނިޒާމު
  • ދައުލަތުގެ އާމުދަނީއާއި ޚަރަދުބަރަދުގެ ނިޒާމު

މި ނިޒާމުތައް، އިންތިޒާމުތައް ދިވެހިރާއްޖޭގައި ގާއިމުވެ ހިނގަމުން އަންނަތާ މިގައުމަށް ވީހައި ދުވަހެއް ވެއްޖެއެވެ. ހާސް އަހަރުވެއްޖެއެވެ. ސާސްކަފެއް ވެއްޖެއެވެ.

ބޮޑުތަކުރުފާނު، އުތީމު މަހާރަދުން (އައްސުލްޠާނުލް ޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުން) އިސްވެހުންނަވައިގެން ކުރެއްވެވި ގައުމީ ޖިހާދުން ފޯޗުގީޒުންގެ އަޅުވެތި 15 އަހަރުގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހި ސަލާމަތްކުރައްވައި ހިޖުރީގޮތުން 981، މީލާދީގޮތުން 1573ގައި މިލޮބުވެތި ވަތަނަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވިއެވެ. އެއީ ގައުމީ އެންމެ މަތިވެރި ބަތަލު ކަމުގައި ދިވެހި ތާރީޚުގައި ފާހަގަކުރެވެއެވެ. އޭގެފަހުން އުތީމު ދަރިކޮޅުން އުފެދުނު ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ / އަސްކަރީ) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ.

ރާއްޖެއިން ބޭރުން، ރާއްޖޭގެ ދިފާއަށްޓަކައި އެޒަމާނަށް އެންމެ އެކަށޭނަ ބޮޑުބަޑިއާއި ހަތިޔާރު ހޯއްދެވުމާއި، ވެރިރަށް ފުރަމާލޭގަައި ދިފާއީ ބުރުޒުތައް ބިނާކުރެއްވުމާއި މާލޭ ބޮޑުފާރަކީ އެރަދުންގެ ކޮމާންޑަރ އިން ޗީފް ކަމުގައި މުޅިން އަލަށް ކުރެވުނު ވަރަށްބޮޑެތި މަސައްކަތްތަކެއް އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާއީ ގައުމީ ޚިދުމަތްތަކެކެވެ.

ބޮޑުރަސްގެފާނުގެ ލޭފަވެތި (ލޮބުވެތި) އަގުހުރި ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު (އައްވަލު) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަކީ (1648-1687) ބައްޕާފުޅަށްވުރެވެސް މާއަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި ދިވެހިރާއްޖޭގައި އެންމެ އައުދާނަ މަހާރަދުންނެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޒުގީޒުންނާއި މަލާބާރީން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކަކީ، އެދެބައިމީހުން ރާއްޖެ އަޅުވެތި ކުރި ފަހަރުތަކަށްވުރެ ބޮޑެތި ޢުދުވާނީ ހަމަލާތަކެކެވެ. އިސްކަންދަރު ރަސްގެފާނަކީ މިބޮޑެތި އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ދިވެހި އަސްކަރުގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް އަދި ޣާޒީ ރަަސްކަލެއްގެ ޝަރަފު ލިބިވަޑަައިގެންނެވި މަތިވެރި މަހާރަދުންނެވެ.

ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދިވެހިރާއްޖެއިން ދެމުންއައި ޖިޒީ ނުދެއްވައި، ދިފާއީ ސިޔާދަތީ ބާރާއެކު އަމިއްލަވަންތަ ދިވެހިގައުމުގެ ރަސްކަން ކުރެއްވި ގައުމީ ބަޠަލެކެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1759-1767) ދޮންބަންޑާރައިންނާއި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން (1767- 1773) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ އަގުހުރި ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގައުމީ ޚިދުމަތްތައް ތާރީޚުގައި ވަނީ ރަން އަކުރުންނެވެ.

މި 2 ރަސްކަލުންނަކީވެސް، ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި އަޖުދާދުން ގައުމީ އަބްޠާލުންނެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.