އީރާނުން ސަރަހައްދީ ފެންވަރުގައި ދެމުންގެންދިޔަ ބަދަލުހިފުމުގެ ހަމަލާތައް ހުއްޓާލާފައިވާ ކަމަށް، އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމިނިއާ މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީރާނުން މި އޮޕަރޭޝަންތައް މެދުކަނޑާލީ ފާއިތުވި ދެ ރޭ އެމެރިކާއިން ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާ ގުޅިގެންނެވެ. އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަކްރަމިނިއާ ވިދާޅުވީ، އީރާނުގެ އަސްކަރީ ސްޓްރެޓެޖީ ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ބަދަލުހިފުމުގެ މައްޗަށް ކަމަށެވެ.

“އަހަރެމެންގެ ސްޓްރެޓެޖީއަކީ މައިގަނޑު ގޮތެއްގައި ބަދަލުހިފުން ކަމަށް ވާތީ، އަހަރެމެންގެ ބަދަލުހިފުމުގެ އޮޕަރޭޝަންތައް ވެސް މިހާރު ވާނީ ހުއްޓާލާފައި،” އަކްރަމިނިއާ ވިދާޅުވިއެވެ.

އަކްރަމިނިއާ ވިދާޅުވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި އީރާނުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އުރުދުން، ކުވައިތު އަދި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މީގެ ތެރެއިން ބަހްރޭންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ ތަނުގައި މިހާރު ބޭނުންކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް އޭނާ ދައުވާކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާއިން އަލުން ހަމަލާދޭން ފަށައިފިނަމަ، ހަނގުރާމަ ޖިއޮގްރަފީ ގޮތުން އިތުރަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އަކްރަމިނިއާ ވިދާޅުވި ގޮތުގައި، ރަތް ކަނޑުގެ ބާބުލް މަންދަބް ކަނޑުއޮޅިއާ ހަމައަށް މިހާރު ވެސް ހަނގުރާމަ ވަނީ ފުޅާވެފައެވެ.

މި ހަމަލާތައް މެދުކަނޑާލާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ވޮޝިންޓަންގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.