އިންޑިއާގެ މަޝްހޫރު ލަވަކިޔުމުގެ މުބާރާތް، "އިންޑިއަން އައިޑޮލް 16" ގެ އެއްވަނަ، އޮޑިއްޝާއަށް ނިސްބަތްވާ ޖިޔޯތިރްމަޔީ ނާޔަކް ކާމިޔާބުކޮށްފިއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ބޭއްވި މި މުބާރާތުގެ ގްރޭންޑް ފިނާލޭގައި އޭނާ ވަނީ މުބާރާތުގެ ތަށީގެ އިތުރުން 20 ލައްކަ ރުޕީސްގެ ފައިސާގެ އިނާމު ހާސިލުކޮށްފައެވެ.
އުމުރުން 24 އަހަރުގެ ޖިޔޯތިރްމަޔީއަކީ އިންޑިއަން އައިޑޮލްގައި ބައިވެރިވުމުގެ ކުރިން، ކެންސަރު ބަލީގެ މީހުންނަށް މިޔުޒިކް ތެރަޕީ ދިނުމުގައި ހަރަކާތްތެރިވި ފަންނާނެކެވެ. އޭނާ ވަނީ 2023 ވަނަ އަހަރު ޗެންނާއީ ސްކޫލް އޮފް މިޔުޒިކް ތެރަޕީން ސެޓްފިކެޓް ހާސިލުކޮށް، ބުބަނޭޝްވަރުގެ ހޮސްޕިޓަލެއްގައި ކެންސަރު ބަލީގެ މީހުންނަށް ލަވަކިޔައިދީ، އެ މީހުންނަށް ނަފްސާނީ ގޮތުން ލުއި ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ.
މުބާރާތް ކާމިޔާބުކުރުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޖިޔޯތިރްމަޔީ ބުނީ، މިއީ އޭނާގެ ހަޔާތަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.
"އޮޑިޝަންތަކަށް ދިޔައީ ހަމައެކަނި ހުވަފެނަކާއެކު. އެކަމަކު މިއަދު މުބާރާތް ކާމިޔާބުކުރެވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް،" އޭނާ ބުންޏެވެ.
މީގެ އިތުރުން، އޭނާގެ މި ކާމިޔާބީގެ އަސްލަކީ މިޔުޒިކް ތެރަޕީގެ ޒަރީއާއިން އޭނާ އެހީތެރިވި ކެންސަރު ބަލީގެ މީހުންގެ ހެޔޮ ދުއާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އޮކްޓޯބަރު 2025 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސީޒަނަކީ އިންޑިއަން އައިޑޮލްގެ ތާރީހުގައި ވެސް އެންމެ ދިގުލައިގެންދިޔަ ސީޒަނެވެ. މި މުބާރާތުގެ ދެވަނަ އަދި ތިންވަނަ މަގާމު ހޯދާފައިވަނީ ޓަނިޝްކް ޝުކްލާ އަދި މަންރާޖް ވީރް ސިންގް އެވެ.
ފެން
އިންޑިއާ
އިޒުރެއިލު
އިރާން
ކޮމެންޓް